ޚަބަރު ރައްޔިތުންގެ މަޖިލިސް

ސީއެސްސީގެ މެންބަރު ކަމަށް ހަބީބާ އައްޔަންކުރަން ރުހުން ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު ހަބީބާ އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު މަޖިލިސް ޖަލްސާގައި ދެ ނަމަކަށް ވޯޓަށް އަހައިފައިވެއެވެ. އެއީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމަށެވެ. ހަސީބާ އަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން ހަސީބަށް ރުހުން ދޭން ވޯޓުދިނީ 18 މެމްބަރުންނެވެ. ރުހުން ނުދޭން 19 މެމްބަރުން ވޯޓު ދިނެވެ.

ހަބީބާއަށް ރުހުން ދިނުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދީފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

މިހާރު އެކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!