ޚަބަރު

ގޭގައި ޑްރަގު ރައްކާކޮށް ވިޔަފާރިކުރުމުގެ ކުށުގައި މީހަކު 24 އަހަރަށް ޖަލަށް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

އެޕާޓްމެންޓުގައި މަސްތުވާތަކެތި ރައްކާކޮށް, އެތަކެތި ބޭނުންކޮށް، ވިޔަފާރިކުރި މީހަކު 24 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by STELCO

މ. ސެސްނާގެ ފަސްވަނަ ފަންގިފިލާ އެޕާޓްމެންޓެއް ގައި މަސްތުވާތަކެތި ރައްކާކޮށް، ބޭނުންކޮށް، ވިޔަފާރިކުރި މައްސަލައިގައި 24 އަހަރާއި 11 މަހާއި 13 ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވީ ގދ. ފިޔޯރީ، ގަނދަކޯޅިމާގެ، އަހުޒަރު އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އެ އެޕާޓްމެންޓް ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި ފެނުނީ ޖޫސްޕެޓީ ދެ ކޮތަޅެއްގައި ހުރި ޑައިމޯފިންއެވެ. އެއް ކޮތަޅުގައި 99.8 ގްރާމް އަދި އަނެއް ކޮތަޅުން 99.85 ގްރާމް ޑައިމޯފިން ފެނިފައިވެއެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެ ދައުވާއަށް އަހުޒަރު ވަނީ އިންކާރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ 26 ވަނަ ދުވަހު އިއްވި ހުކުމްގައި ވަނީ މަސްތުވާތަކެތި ފެނިފައިވާ ޖޫސްޕެޓީ ކޮތަޅު އޮތީ އެޕާޓްމެންޓުގެ ސިޓީންގް ރޫމުގައި ހުރި ސްޓޯރޫމުގެ ހަރެއްގެ މަތީބައިން ފެނުނު އީވް ގާމެންޓް ކޮތަޅެއްގެ ތެރެއިން ފެނުނު ދެ ކަރުދާސްގަނޑެއްގެ ތެރޭގައި ކަމަށާއި، އެޕާޓްމެންޓުގެ ތެރެއިން ކައްޓާ އާއި ތަކެތި ފެނުމުން ދައުވާ ޝަރީއަތުން ބެލި ބެލުމަށް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

24 އަހަރަށް ޖަލަށްލުމުގެ އިތުރުން 100،000 ރުފިޔާއިން އަހުޒަރު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާގެ ފަައިސާ އެއް އަހަރު ދުވަހުގެ ތެރޭ މީރާއަށް ދައްކައި ހަލާސްކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!