ރިޕޯޓް

ލާމު ފުލުހުންގެ ނަސޭހަތް ލާމު ބަހުރުވައިން، ރަޝީދަދައިތައާ އެކު 40ހާސް މީހުުން އަޑުއަހައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދޯނިތަކާއި ލޯންޗުތައް އަޅަފާއި އޮތް ލ. ގަމުގެ ރީތި ބަނދަރު މަތިން ނަގާފައިވާ، ހިތްގައިމު ޝޮޓެކެވެ. ވީޑިއޯ ފެށެނީ އެ ހިތްފަސޭހަ މަންޒަރުންނެވެ. ދެން ގޮސް ހުއްޓެނީ ކުލަވެއްޓިފައި ހުރި ދޮރަކަށެވެ. އެ ގޭގެ ދޮރުން ނިކުންނަނީ ރަޝީދާ ދާއިތައެވެ. ކަޅުކުލައިގެ ކުޑަ ދަބަހެއް ހިފައިންނެވެ. ގެއިން ނިކުމެ ދޮރު ލައްޕާލައެވެ. ދެން ފޯނު ނަގައި ކަންފަތުގައި ޖަހައެވެ.

Ads by Sosun Fihaara

''ހާފިޒޫ، ޝާމިސް ބޮނެގެން ތަޅުދަނޑު ހަވާލުކެރާން ވެގެންނޭ'' ލާމު ބަހުރުވައިން ރަޝީދާ ބުންޏެވެ.

ލާމު ބަހުރުވައިން އޭނާ އެ ބުނަނީ، ޝާމިސް ބުނެގެން ތަޅުދަނޑި ހަވާލުކުރަން ވެގެން ކަމަށެވެ. ޝާމިސް ކަމަށް އެ އިޝާރާތް ކުރި ދައިތަގެ ދަރިފުޅު އަދި މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ޝާމިސް (ތޮއްޕެ) އަށެވެ. މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހަފީޒު ނުވަތަ (އައްޔަ ހާއްޕެ) އަކީ ދައިތަގެ އަންހެން ދަރިފުޅުގެ ފިރިމީހާއެވެ.

އެކަމަކު ދައިތައަށް ގުޅުނީ ހާފިޒަކަށް ނޫނެވެ. ހަފީޒު ނަމަކަށް ކިޔާ މީހަކަށެވެ. އެއީ ފ. ނިލަންދޫ އަށް ނިސްބަތްވާ ލ.އަތޮޅު ޕޮލިސް ކޮމާންޑަރ, އިންސްޕެކްޓާ އޮފް ޕޮލިސް ޢަބްދުލްޙަފީޡު ޢިބްރާހިމްއެވެ. ރުންކުރުވެ ފޯނުކަނޑާލުމުގެ ބަދަލުގައި ހަފީޒް، ދައްތަގެ އޮތް ބޭނުމެއް ސާފުކުރަން އެކުވެރި ރާގެއްގައި ވާހަކަ ދެއްކިއެވެ.

''ގުޅުނީމަ ޗުއްޓީ އަށްދާއިރު ކަންތައް ކުރަންވީ ގޮތް ކިޔަދޭނަން. ދައްތަ ވާނެ ގޭ ހުރިހާ ދޮރެއް ތަޅުލެވިފައިވޭތޯ ބަލަން، އަގުބޮޑު އެއްޗެހި ރަނގަޅަށް ރައްކާ ކުރެވޭތޯ ބަލަން'' ލާމު ބަހުރުވައިން ހަފީޒުގެ ވާހަކަ ކުރިއަށް ގެންދެއެވެ.

ހަފީޒު، ދައިތަ ގާތުގައި ވިދާޅުވަނީ ފުރަންދާއިރު ގޭގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި އެ ފައިސާ ބޭންކަށް ޖަމާކުރުމަށެވެ. އަދި ގެ ބަލަހައްޓަން އިތުބާރު ކުރެވޭ މީހަކާ ހަވާލުކުރަން ވާނެ ކަމަށްވެސް އެކުވެރި ރާގެއްގައި ވިދާޅުވެއެވެ. ފޯނު ކަނޑާލަމުން މޫސުމަށް ބަލައިގެން ދަތުރުކުރަންވެސް އިލްތިމާސްކުރެއެވެ.

''ކަނޑުމަގުން ދަތުރު ކެރަންނާ މޫސުމަށް ބަލާން ވާނެ'' ހަފީޒް އެ ވީޑިއޯގައި ވިދާޅުވެއެވެ. އޭނާ ލާމު ބަހުރުވައިން އެ ވިދާޅުވީ ކަނޑުމަގުން ދަތުރު ކުރާއިރު މޫސުމަށް ބެލުމަށެވެ.

އެ ވިޑީއޯއާ ގުޅޭ ގޮތުން ''ދެން'' އިން ސުވާލުކުރުމުން ހަފީޒް ވިދާޅުވީ ލ.އަތޮޅު ކޮމަންޑަރުކަމާ ހަވާލުވުމަށް ފަހު ބެލީ ފުލުހުންނަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރެވޭ ތަފާތު ގޮތެއް ހޯދުން ކަމަށެވެ. އެހެންވެ އެކި ކަހަލަ ތަފާތު ކަންތައް ކުރަން އާއްމުންގެ ހިޔާލު ހޯދި ކަމަށް ވިދާޅުވިއެވެ.

'' ... އަޅުގަނޑަށް އައި ކޯލެއްގައި ކުއްޖަކު ދިން ފީޑްބެކެއް މިއީ މިކަހަލަ ގޮތަކަށް ވީޑިއޯ އަށް ހެދިއްޖެއްޔާ، ތަންކޮޅެއް ތަފާތު ކޮންސެޕްޓެއްގައި ލާމު ބަހުން'' ހިޔާލު އައި ގޮތް ހަފީޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ވީޑިއޯ އަށް އެންމެ ފުރިހަމަ ކަމެއް ގެނެސްދިނީ އެހެން ރަށެއްގެ މީހަކު ލާމު ބަހުރުވައިން ވާހަކަ ދެއްކުމުން ކަމަށެވެ.

ލާމު ފުލުހުންގެ ފޭސްބުކްގައި ޕޭޖުގައި އަޕްލޯޑްކުރި އެ ވީޑިއޯ 41،600 އަށްވުރެ ގިނަ މީހުން ބަލާފައިވާއިރު ގިނަ ބަޔަކަށް ވީޑިއޯ ވަނީ ކަމުގޮސްފައެވެ.

'' ލާމުގައި މަސައްކަތްކުރާ މީހުންނަށް އަދީ ވަރަށް ގިނަ ބަޔަކު ގުޅި ހާއްސަކޮށް ލާމުގެ އެކި ލެވެލްގެ ސީނިއާ، ލާމު އަތޮޅުގައި މަސައްކަތްކުރައްވާ ކައުންސިލުތަކުގެ މެންބަރުންނާއި ލާމު ޕްރޮމޯޓްކުރާ ތަންތަނުން ގުޅި، ވަރަށް ރަނގަޅު ކަމެއް ގޮތުގައި ފާހަގަކުރި އެއް ކަމަކަށް ލާމުގެ ބަހުން އެކަހަލަ ކޮންސެޕްޓެއްގައި ގެނެސްދިނީމަ'' ހަފީޒް ވިދާޅުވިއެވެ.

ހަފީޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން ހޭލުންތެރި ކުރުމަށް އެކަހަލަ ކޮންޓެންޓްތައް ފެނިގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!