އެގްޒެކިޔުޓަރސް އިން ރާއްޖެއަށް 10 ވެންޓިލޭޓަރު ފޮނުވައިފި
ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ފޮނުވުމަށް ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ފޮނުވައިފިއެވެ.
މިވެންޓިލޭޓަރުތައް މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރިކަމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ ޔަގީންކޮށްދީފައެވެ. މި 10 ވެންޓިލޭޓަރަކީ ހެލްތު މިނިސްޓްރީއާއި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިން ފޮނުވާފައިވާ ވެންޓިލޭޓަރުތަކުގެ ފެންވަރު ދަށްވުމުން، އެ ވެންޓިލޭޓަރުތައް ބަލައިނުގަނެ އަނަބުރާ ފޮނުވާލުމުން، އޭގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ.
އަދި މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި 10 ވެންޓިލޭޓަރަކީ ވެސް ބޭނުންކުރުމަށް އެންމެ އެކަށޭނެ ވެންޓިލޭޓަރުތޯ ވެސް ބަލައި ޗެކު ކުރެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ހެލްތުމިނިސްޓްރީން ކޮވިޑު-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާގުޅިގެން އެމައްސަލަ ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުންނަށް ރައީސް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ކޮވިޑް ހަރަދުތަކުގެ ރިޕޯޓް ފިނޭންސް މިނިސްޓްރީގައި އޮންނަ މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީން ދިރާސާ ކުރަމުންދާ ކަމަށާ، ރިޕޯޓް ދިރާސާކުރުމަށް ފަހު ކޮމިޓީން ލަފާދޭ ފިޔަވަޅުތައް ވެސް ފިނޭންސް މިނިސްޓްރީން އަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.