މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން އެމްއެންޑީއެފްއާ ހަވާލުކޮށްފި
މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލު ގެނައުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްފިއެވެ.
ލޯކަލް ގަވަމެންްޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގެ ފެންބޮޑު ވުމުގެ މައްސަލައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް މިހާރު ވަނީ ސިފައިންނާއި ހަވާލުކޮށްފައި ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މުޅި މައްސަލައަށް ހައްލު ގެނައުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ހެދެމުން ދާއިރު މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރައިސް ޑރ. މުއިއްޒު ވަނީ ޗައިނާއިން ރާއްޖެއަށް ދީފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ބޭނުންކޮށްގެން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ.
މިނިސްޓަރު ވަނީ ހާއްސަކޮށް މާފަންނުގެ މަގުތަކަށް މި މަސައްކަތުގައި އިސްކަން ދޭނެ ކަމަށް ވިދާޅުވެފައިއެވެ.
މި ހަފްތާ ތެރޭ ރާއްޖެއަށް ކުރި ވިއްސާރައިގައި ވަނީ ށ. ފޯކައިދޫ މާލެ އަތޮޅު ގުރައިދޫ އަދި މާފުއްޓައް ލިބުނު ގެއްލުމާއި ގުޅިގެން ވަނީ އެސެސްމެންޓު ހެދިފައިވާ ކަމަށާއި މާފުއްޓައި ގުރައިދޫއަށް މިނިސްޓްރީގެ ފަރާތުން ޒިޔާރަތް ކުރި އިރު ވަނީ އެކި ގޭގެއަށް ފެން ބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމާއި، ނަޖިސްގެ ސަބަބުންވެސް ހީނުކުރާ ވަރުގެ ގެއްލުން ވަނީ ލިބިަފައި މި ގެއްލުންތައް ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީއަށް އެންގިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މި ގެއްލުންތަކަށް ބާލާއިރު، މިއީ ރަށްރަށް ތަރައްގީކުރާ އިރު ކުރަން ޖެހޭ ބައެއް ކަންތައްތައް ނުކުރެވި ހުރުމުގެ ސަބަބުންވެސް ކުރިމަތިވާ ކަންތައްތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.