ޚަބަރު

ޕީއެސްއެމްގެ ހަބަރު ގަޑިތައް މިއަދު ގެނެސްދިނީ ކުރީގެ މަޝްހޫރު މޫނުތައް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މިއަދަކީ ބައިނަލް އަގުވާމީ ނޫސްވެރިކަމުގެ ދުވަހެވެ. އަދި މީގެ ހަތް އަހަރު ކުރިން ގާނޫނީ ބާރުވެރިކަމާ އެކު ދައުލަތުގެ މީޑިއާގެ ގޮތުގައި، ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް، އުފެއްދީ ވެސް މި ތާރީހުގަ އެވެ.

Ads by MWSC

ނޫސްވެރިންނަކީ ތަފާތު އުކުޅުތަކުގެ ހުށަހެޅުންތެރިންތަކެކެވެ. އުފެދުންތެރި، ބިނާކުރަނިވި ފަންނުވެރިންތަކެކެވެ. މި ފަހަރު ޕީއެސްއެމުން އަހަރީ ދުވަސް ފާހަގަ ކުރީ އެފަދަ އުކުޅަކުންނެވެ.

ގޭގެ ސިޓިން ރޫމުގައި ހުންނަ ޓީވީ މެދުވެރިކޮށް ގައުމުގެ ހަބަރުތައް ފޯރުކޮށްދިން މައި ޒަމާނުގައި، ކުޅަދާނަ ހުށަހެޅުންތެރިން ގެނެސްދިން ހަބަރު ގަޑިތައް އަބަދުވެސް ހަނދާނުގައި ހުންނާނެ އެވެ.

ޓީވީ މޯލްޑިވްސްގެ ކުރީގެ މަޝްހޫރު މޫނުތައް، ކުޅަދާނަ ހުށަހެޅުންތެރިންތައް އަނބުރާ ޓީވީގެ ހަބަރު ގަޑީގެ މޭޒުތަކަށް ގެނުވީ އެވެ.

"ފުރަތަމަ ޕީއެސްއެމަށް [މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި] ވަނުމަށް ފަހު ވެސް މީޓިންތަކުގަ ބުނިން، ބޭނުމޭ ކުރީގެ މަޝްހޫރު މޫނުތައް، އަނބުރާ ޓީވީއިން ފެންނާނެ ގޮތެއް ހަދަން، ދެން ޕީއެސްއެމް ޓީމުގެ ބުރަ މަސައްކަތް މިއީ،" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ''ދެން'' އަށް ވިދާޅުވި އެވެ.

ރޭގަނޑު އަށެއްގެ ހަބަރު މިއަދު ހުށަހެޅީ، ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބެވެ. ޝަކީބަކީ 1980 އިން ފެށިގެން 2009 އާ ހަމައަށް ޓީވީ މޯލްޑިވްސްގެ މައި މޫނެވެ.

ރޭގަނޑު ހަތެއް ޖަހާއިރު އިނގިރޭސި ހަބަރު ގެނެސްދެއްވީ މަރިޔަމް ވަހީދާ (މަރީ) އެވެ. 2004 ގެ ސުނާމީ ކަވަރޭޖުގެ ތެރެއިން ނޫސްވެރިކަމަށް ވަން މަރީ ވަނީ ޕީއެސްއެމްގެ ބޯޑު މެންބަރު ކަން ހިމެނޭހެން އިސް އެކި މަގާމު ފުރުވައިފަ އެވެ. ގައުމީ އިނާމު ވެސް ހާސިލްކޮށްފައިވާ މަރީ މި ވަގުތު ހުންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގަ އެވެ.

މެންދުރު ދޭއް ޖަހާއިރު ދިވެހި ބަހުން ހަބަރު ހުށަހެޅުއްވީ ވެސް މަރީ އެވެ.

ހަވީރު ހަތަރެއް ޖަހާއިރުގެ ހަބަރު ވަގުތު ގެނެސްދެއްވީ ހަސަން ޒިޔާއެވެ. ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ހަބަރުތަކުގައި ފާހަގަކޮށްލެވޭ ނޫސްވެރިޔާ އަދި ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އެ ހުށަހެޅުންތެރިޔާ މި ވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ކުޅިވަރު ނޫސްވެރިޔާ އަޒުމީން

މެންދުރު ވަގުތުގެ ކުޅިވަރު ހަބަރު ހުށަހެޅުއްވީ އަބްދުﷲ އަޒުމީނެވެ. އެއީ 2005، އަދި 2006 ގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ އެވެ. އަދި 2006 ގެ ފީފާ ވޯލްޑް ކަޕުން ފެށިގެން، އެތައް އަހަރެއް ވަންދެން ރާއްޖޭގެ ހުރި އެންމެ ކުޅަދާނެ މެޗު ކޮމެންޓޭޓަރެވެ.

 

މެންދުރު އިނގިރޭސި ބަހުން ހަބަރު ހުށަހަޅުއްވައިދެއްވީ މިހާރު ޑޮކްޓަރެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވާ، ކުރީގެ ޕްރެޒެންޓަރު އައިޝަތު ސިޔާދާ ސައީދެވެ. ޓީވީ މޯލްޑިވްސްގައި ހަބަރު ހުށަހެޅުމުގެ ވަޒީފާ އޭނާ އަދާކުރެއްވީ 2004 އިން ފެށިގެން 2011 އަށެވެ. އެއީ އޭރުގެ މަގޫބުލު މޫނެކެވެ.

އަލީ ސުލައިމާން

ހެނދުނު ދިހައެއް ޖަހާއިރު ހުށަހެޅުއްވީ "އަލީ ސުލައިމާން، ޓީވީއެމް" އެވެ. އަލީ ސުލައިމާނަކީ 2005 އިން ފެށިގެން 2009 އާ ހަމައަށް ޓީވީއެމްގެ ވަރުގަދަ މޫނެކެވެ. އޭގެ ފަހުން 2019 ވަނަ އަހަރާ ހަމައަށް ވީޓީވީގައި އޭނާ ނޫސްވެރިޔެއްގެ ގޮތުން މަސައްކަތްކޮށްފައިވެ އެވެ. އަލުން ޕީއެސްއެމްއާ ގުޅިވަޑައިގެން، 2022 ވަނަ އަހަރާ ހަމައަށް ޕީއެސްއެމްގެ ޗީފް އެޑިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!