ޚަބަރު ސަރުކާރު

ކެބިނެޓްގެ ނިންމުންތައް ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން ، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކުރަމުންދާ ކަންކަން ނޫސްވެރިންނާއި އާންމުންނަށް ފަސޭހައިން ބެލޭގޮތް ހެދުމުގެ ގޮތުން ކެބިނެޓްގެ ނިންމުންތައް ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

Ads by MWSC

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހުން ރައްޔިތުންނަށާއި މީޑިއާތަކަށް ދޭ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ގެނެސްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ހީނާ ވިދާޅުވީ، ކެބިނެޓުގައި ކޮންމެ ދުވަހަކު ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ހޯދައި ބަލަން ބޭނުންވެއްޖެނަމަ، ބެލޭނެ ނިޒާމެއް ނޯންނަ ކަމަށެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓާއި ލިންކު ކުރެވޭ ގޮތަށް ކެބިނެޓްގެ ނިންމުންތައް އާންމުކޮށް، އެ މައުލޫމާތު މީޑިއާތަކަށް ލިބޭނެ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަ ލައިވް ކޮށްލާނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާ ލިންކު ކުރެވޭ ގޮތަށް، ރައީސް މުއިއްޒުގެ ކެބިނެޓުގެ ކޮންމެ ކެބިނެޓް ބައްދަލުވުމެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް، އެ ނިންމުންތަކާއި ބެހޭ މައުލޫމާތާއި އެކީގަ އެމައުލޫމާތު ލިބޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ،"

މީގެއިތުރުން، ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތައް ވެސް ހިމެނޭ ގޮތަށް އެތަންތަނުން ހިނގާ ހުރިހާ ކަމެއް އެއްތަނަކުން ފެންނާނެ ނިޒާމެއް ވެސް ގާއިމު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އެ މައުލޫމާތުތައް ވެސް އެއްތަނަކުން ބެލޭނެ ނިޒާމު ގާއިމްކޮށް ނިމޭނެ ކަމަށެވެ.

ހީނާ ވިދާޅުވީ، މި މަސައްކަތްތަކަކީ، ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ލިބޭނެ ނިޒާމެއް ފަހިކޮށްދީ، އަދި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރަމުންދާ ކަންތައްތައް ރައްޔިތުންނާއި ނޫސްވެރިންނަށް ވެސް ގެނެސްދިނުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

އާންމު އުސޫލުންނަމަ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރަމުން އަނަންނީ މުހިންމު ނިންމުންތަކެވެ. އެ ނިންމުން އާންމުކުރަނީ އެ އޮފީހުގެ ވެބްސައިޓްގެ ހަބަރު ކެޓަގަރީގައެވެ. ހުރިހާ ނިންމުންތަކެއް އެ ވެބްސައިޓުގައި ޝާއިޢުއެއް ނުކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!