ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި
ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް، އެ ފަރާތްތަކުގެ ޒިންމާއަށް ހުރަސްއެޅޭފަދަ އަމަލުތައް ކުށްވެރިކޮށް، އެފަދަ އަމަލުތައް ކުރާނަމަ ފިޔަވަޅުއަޅާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
އެ ހޮސްޕިޓަލުގައި ވިހޭ ތުއްތު ކުއްޖަކަށް އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ސޯޝިއަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، ކުއްޖާގެ ގައިގައި އިންފެކްޝަން ނެތިސް އެންޓިބިއޮޓިކްސް ދޭން އުޅުން ކަމަށް ބުނެ ތުހުމަތު ކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗްއިން ނެރުނު ބަޔާނުގައި ވަނީ އެކަން ދޮގުކޮށްފައެވެ. އެ ބަޔާނުގައި ބުނީ ބަލިމީހާގެ ފަރުވާއާއި ގުޅޭ މައުލޫމާތަކީ އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި އާންމުކުރާނެ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ބޭސް ދިނުމާއި ފަރުވާއާއި ގުޅިގެން ބަލިމީހާގެ އާއިލާއާއި މަޝްވަރާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެ ބަޔާނުގައި ބުނީ، ބަލި މީހަކަށް ފަރުވާދޭއިރު ރަނގަޅުނޫން ގޮތަކަށް ކަންތައްތައް ދާހެން އެހީތެރިއާއަށް ފާހަގަކުރެވޭ ނަމަ، އެ ކަމެއް ހޮސްޕިޓަލުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރެވޭނެ ކަމަށާއި އަދި ގޯސްކޮށް ކަމެއް ހިނގާނަމަ، ހޮސްޕިޓަލުގެ ތެރެއިން އެ ކަންކަން ބެލޭނެ ކަމަށެވެ.
"ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަން،"
އައިޖީއެމްއެޗްއިން ބަލިމީހުންނާއިމެދު އިހުމާލުވާ ކަމަށާއި، ފަރުވާ ދިނުމުގައި ރަނގަޅު ނޫން ގޮތްތައް ހިޔާރުކުރަމުންދާ ކަމަށް ބުނެ މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވެއެވެ.
ތި ބުނާ އާންމު ކުރި ފޮޓޯ އާއި ފޯސްޓު ކޮބާތ؟