ޚަބަރު

ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއެއް އުފައްދައިފި

އައިކާ ޔުނާން ، ދެން އޮންލައިން
ކައުންސިލްތައް ބައިވެރިކޮށްގެން ބޭއްވި ފަނޯއްލަ ދަރުބާރުގެ ތެރެއިން --

ލޯކަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް, ފަންނީ ގާބިލްކަން އިތުރުކޮށް, ތަޖުރިބާ ހޯދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި "މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން" (އެމްއެލްސީއޭ)ގެ ނަމުގައި ޖަމިއްޔާއެއް ރެޖިސްޓްރީކޮށްފިއެވެ.

Ads by Sosun Fihaara

މި ޖަމިއްޔާގެ މުއައްސިސުންނަކީ ހއ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ކައުންސިލާއި ބ. އަތޮޅު ކައުންސިލްގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލެވެ.

އެ ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ, މުއައްސިސުންގެ އިތުރުން ޖަމިއްޔާ އެކުލަވާލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ. ހަނިމާދޫ ކައުންސިލާއި ނ. އަތޮޅުގެ ކައުންސިލްގެ އިތުރުން ލ. އަތޮޅު ކައުންސިލުން އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެލްސީއޭއިން ބުނީ އެ ޖަމިއްޔާގެ މަގްސަދަކީ ކައުންސިލްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް, ހުރިހާ ކައުންސިލަކުން އެއް މިސްރާބަކަށް ވާސިލްވެވޭނެ ޕްލެޓްފޯމެއް ގާއިމް ކުރުން ކަމަށެވެ. މީގެ އިތުރުން މި ޖަމިއްޔާއިން ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަހިކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ރެޖިސްޓްރީކުރި އެމްއެލްސީއޭ ޖަމިއްޔާއިން އެ ޖަމިއްޔާގެ މައުލޫމާތު މިދިޔަ އޭޕްރިލް މަހު އޮތް ފަނޯއްލަ ދަރުބާރުގައި ބައިވެރިވި ކައުންސިލްތަކާ ވަނީ ހިއްސާކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ އަލީ އާ ބައްދަލުކޮށް ޖަމިއްޔާގެ މައުލޫމާތު ހިއްސާކޮށް ކުރިއަށް ރާވާފައިވާ ކަންކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި ޖަމިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ ގާނޫނު އެކުލަވާލެވުނު ފަހުން ކައުންސިލްތައް އިސްވެގެން ރާއްޖޭގެ ހުރިހާ ކައުންސިލެއް ބައިވެރިވެވޭ ގޮތަށް, އެ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކާމެދު ވަކާލާތު ކުރުމަށް އުފެދުނު ފުރަތަމަ ޖަމިއްޔާ ކަމަށް އެމްއެލްސީއޭއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މި ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ލޯކަލް ކައުންސިލަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!