ވަރީގެ ވާހަކަތަކާ ގުޅިގެން އެންމެ ފަހުން ރަންވީރު ވާހަކަ ދައްކައިފި
ބޮލީވުޑް ދެ ތަރިން ކަމަށްވާ ރަންވީރް ސިންގް އާއި ދީޕިކާ ޕަދުކޯން ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އާއިލާގެ މެމްބަރުންނާ އެކު ކައިވެނީގެ ވައުދު ބަދަލު ކުރުމުގެ ހަފްލާ ބާއްވާފައިވަނީ އިޓަލީގެ ލޭކް ކޮމޯގަ އެވެ.
އެކުގައި ފެންނަ ކޮންމެ ފަހަރަކު ދީޕިކާ އާއި ރަންވީރު އަބަދުވެސް ދައްކަމުން އަންނަނީ އެދެމީހުންގެ ވަރުގަދަ ގުޅުމެވެ. ކައިވެންޏަށްފަހު ދީޕިކާ ބަނޑުބޮޑުކަން ދާދި ފަހުން ވަނީ އިއުލާން ކޮށްފަ އެވެ. އެ ދެމަދިރިންގެ އަލަތު ދަރިފުޅު ލިބޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހު އެވެ.
އެހެންނަމަވެސް ފަހަކަށް އައިސް އެމީހުންގެ ގުޅުމަށް އުނދަގޫތަކެއް އުފެދިފައިވާ ކަމުގެ އަޑުތައް ފެތުރިގެން ދިޔަ އެވެ. މި އަޑުތައް ފެށުނީ ރަންވީރު ސިންގް ކައިވެނީގެ ތަސްވީރުތައް ހިމެނޭ ގޮތަށް ހުރިހާ ތަސްވީރެއް ސޯޝަލް މީޑިއާގައި އަރުޝީފް ކުރުމުންނެވެ. މީގެ ކުރިން އެއީ ދީޕިކާ ޕަދުކޯން ވެސް ވަނީ ކައިވެނީގެ ފޮޓޯތައް އަރުޝީފް ކޮށްފަ އެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެކްޓަރު ދާދި ފަހުން ވަނީ ގަހަނާ އުފައްދާ ބްރޭންޑް ޓިފަނީ އެންޑް ކޯގެ މެގަ އިވެންޓެއްގައި ބައިވެރިވެފަ އެވެ. މި ހަރަކާތުގައި ރަންވީރު ސިންގް އަށް ވަނީ އޭނާ އެންމެ ގަޔާވާ ގަހަނާއެއްގެ ނަން ބުނެދިނުމަށް އެދިފަ އެވެ. ވޯގް އިންޑިއާއަށް ރަންވީރު ސިންގް ބުނީ އަނބިމީހާ ދީޕިކާ ޕަދުކޯން އޭނާއަށް ދިން ކައިވެނީގެ އަނގޮޓިއާއި ޕްލެޓިނަމް އެންގޭޖްމަންޓް އަނގޮޓިއަށް ވެސް އޭނާ ވަރަށް ލޯބިކުރާ ކަމަށެވެ. ފަޚުރުވެރިކަމާއެކު އޭނާ އަޅައިގެން ހުރި ކައިވެނީގެ އަނގޮޓި ދައްކާލި އެވެ.
މިސްޓޭޓްމެންޓާއިއެކު ރަންވީރާއި ދިޕިކާ ވަރިވާން އުޅޭކަމުގެ އަޑުތަކަށް މިވަނީ ހުއްޓުމެއް އައިސްފަ އެވެ. އަދި ސާފުކޮށް ރަންވީރު ހާމަކޮށްފައި މިވަނީ ދިޕިކާ ދެކެ ވާ ލޯތްބެވެ.
މަސައްކަތްތަކަށް ބަލާއިރު ދީޕިކާ ޕަދުކޯންގެ ދެ ފިލްމެއް ކުރިއަށް ރިލީޒްވާން އެބަ އޮތެވެ. ރަންވީރު ސިންގްގެ ގިނަ ފިލްމުތަކެއް ކުރިއަށް ހުރިއިރު އޭގެ ތެރޭގައި "ސިންގްހަމް އެގެއިން"، "ޑޮން 3" ވެސް ހިމެނެ އެވެ.