އައިޖީއެމްއެޗްގައި ފެންމަތިވި މައްސަލައިގައި ދޮގު މައުލޫމާތު ފެތުރުން ކުށްވެރިކޮށްފި
ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް، ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގު ވެއްޓޭގޮތަށް މީޑިއާތަކުގައި ހަބަރު ފެތުރުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން، އެމްއެމްއޭ އިން ކުށްވެރިކޮށްފި އެވެ.
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކުޑަކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ބުނެ މި ހަފްތާގައި މައްސަލައެއް ފެންމަތިވި އެވެ. މިމައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ ޑޮކްޓަރުން އެކުޑަކުއްޖާގެ އަނގަޔަށް ފޮތިގަނޑެއް ވައްދައި ރުއިން މައިތިރިކުރަން އުޅުނުކަމަށްވެސް ތުހުމަތުކޮށްފަ އެވެ.
ސީދާ މި މައްސަލައިގެ ވާހަކަ ބަޔާންނުކޮށް އެމްއެމްއޭއިން މިއަދު ނެރުނު ސްޓޭޓްމެންޓެންގައި ބުނީ ސިއްހީ ދާއިރާއިން ދޭ ހިދުމަތްތަކާއި މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާންމުކުރުން ފަދަ ކަންކަން އެ އެސޯސިއޭޝަނުން ކުށްވެރި ކުރާކަމަށެވެ. އަދި ކައުމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި މިފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތްތައް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށްކަން އެމްއެމްއޭއިން ފާހަގަކުރި އެވެ.
"މިގޮތުން މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް، ތަކުލީފުތައް އުފުލައިގެން ދިވެހިރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެކެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ ސިއްހީ ހިދުމަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކިކަހަލަ ގިނަގުނަ ގޮންޖެހުން ތަކަކާއި އެކު ކަމުގައިވީހިނދު، މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކަކާއި ދިމާވާ ކަމަށެވެ.
އެހެންކަމުން އެ އެސޯސިއޭޝަނުން ވަނީ ސިއްހީ ފަރުވާއާއި ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އިނގިހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެމީހުންގެ ހިދުމަތް ކުރިއަށް ގެންދިޔުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް ގޮވާލައިފަ އެވެ.