ޚަބަރު

މެޑިސިން ދަރިވަރުންނަށް ދަރުމަވަންތާގައި ކިޔެވުން ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މި ހޮސްޕިޓަލުގައި ކިޔެވުން ކުރިއަށް ގެންދެވޭ ގޮތަށް ވަނީ މިއަދު ހަމަޖައްސާފައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފިއެވެ.

Ads by Hajj Corporation

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް މިދިޔަ މަހުގެ 23 ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، ރައީސްގެ އެދިވަޑައިގަތުމުގެ މަތީން، މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވަަވައިފައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވާފައިވާ ކަމަށެވެ.

ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ހާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް އިސްކަން ދެއްވާ ކަމަށް ރައީސް އޮފީހުން މިއަދު ޝާއިއުކުރި ހަބަރުގައި ބުންޏެވެ.

އެ އޮފީހުން ބުނީ ގައުމީ މެޑިސިން ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އައު ހިދުމަތްތައް މި ދެ ހަސްފަތާލުގައި ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރިއެވެ.

ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދީންގެ އުނގެނުމުގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދެވޭ ގޮތަށް ހަމަޖައްސަވައިދެއްވާފައިވާކަން ހާމަކުރެއްވުމަށް، މިއަދު  ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ އެ ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ހާއްސަކޮށް މަތީ ތައުލީމު އުނގެނޭކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ރައީސްގެ ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ގައުމީ ޔުނިވާސިޓީން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިން ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް މުއިއްޒު އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަން ފާހަގަކުރިއެވެ.

ރައީސްގެ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!