"ގަޓު ރައީސް" ގެ އާ މާނައެއް
- "ކުރީ ސަރުކާރު" ގެ ވާހަކަ މުހިންމެއް ނޫން
- އަޅަން ޖެހިއްޖެނަމަ ފަސްނުޖެހި ފިޔަވަޅު އަޅާނެ
- މައްސަލައަށްވުރެއް ހައްލުގެ ވާހަކަ ދެއްކުން މުހިންމު
ދިވެހިރާއްޖެ މަލްޓި ޕާޓީ ޑިމޮކްރަސީ ދުށް ފަހުން ރައްޔިތުން މިވަނީ ވަރަށް ބޯހަރުވެފަ އެވެ. މިހެން މި ދެންނެވީ އެއްގޮތަކަށްވެސް ރައްޔިތުން ކުށްވެރި ކުރުމުގެ ބޭނުމަކު ނޫނެވެ. މާޒީގައި ކުރެވުނު ތަޖުރިބާއިން ރައްޔިތުންގެ ކިބައިގައި މި ސަގާފަތް އަށަގަތީ އެވެ. ތަންކޮޅެއް ތިލަކޮށް މިވާހަކަ ދަންނަވާނަމެވެ.
2008 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގައި ސިޔާސީ ކަންކަން ބުރަވަނީ އެއް ފިކުރެއްގެ ފަޅިއަށެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސިޔާސީ ފިކުރަށެވެ. އޭރު ހާލަތު އޮތް ގޮތާއި ސަރުކާރުން ކުރަމުން އައި ކަންކަމުގެ ވާހަކަ އަލުން ބަލުން ދައްކާކަށް ނެތީމެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއި ހުރެ އެހެން ސިޔާސީ ފިކުރެއް އުފެދި ތަރައްގީވާން ރާއްޖެ އޮތީ ހުޅުވިފައެއް ނޫނެވެ.
ކޮށްޓަކަށް ލާ ބަންދުކޮށްފައި އިންނަ ދޫންޏެއް މިނިވަންވުމުން އެދޫނި ބޭނުންވާނީ އޭނާގެ ފިޔަގަނޑުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. އަލުން ހައްޔަރުވެދާނެ ކަމުގެ ބިރަށްވެސް ދޫދޭކަށް ބޭނުމެއް ނުވާނެ އެވެ. މިނިވަންކަމުން އަޅުވެތިކަމަށް ދާކަށް ބޭނުމެއް ނުވާނެ އެވެ. ދިވެހިންނަށްވެސް ވީގޮތަކީ މިއީ އެވެ. ސިޔާސީ ހައްޔަރަކުން މިނިވަންވެ 2008 ވަނަ އަހަރު ތަޖުރިބާކުރި މިނިވަން އިންތިހާބާއިއެކު ރައްޔިތުންގެ ވިސްނުން ބަދަލުވީ އެވެ. ވެރިންނަށް ދޭ ބާރު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބުނީ އެވެ. ބޯ ހަރުވީ އެވެ.
އޭގެ ފަހުން ރާއްޖޭގައި ވެރިކަން ކުރެވޭނީ ވަރަށް "ޖައްބާރު" ވެރިއަކަށް ކަމަށް ހީކުރެވުނެވެ. އިދިކޮޅުގައި ތިބޭ ބަޔަކު ޖަހާހާ ސަކަރާތެއް ބަލަން ހުންނާނެ ވެރިއަކަށް ވެރިކަން ނުކުރެވޭނެކަމަށް ހީކުރެވެން ފެށީ 2012 ވަނަ އަހަރު މަގުމަތިން ވެރިކަން ބަދަލުވުމުންނެވެ. އިދިކޮޅުގެ ނުފޫޒާއި ރައްޔިތުންގެ ބާރު އަނެއްކާވެސް ގަދަވީ އެވެ. ދެން ޖެހުނީ ވެރިންވެސް އެ ބާރު ދައްކާށެވެ.
ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖެ ދުށް އެންމެ "ގަޓު" ރައީސެވެ. އެތެރެއާއި ބޭރުން އޭރު ކުރުވި ފިއްތުންތަކާއިއެކުވެސް 5 އަހަރުގެ ދައުރެއް އެމަނިކުފާނު ނިންމަވާލެއްވީ ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކުގެ ތެރެއިންނެވެ. ދެން އައީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމެވެ. ރައީސް ޞާލިހަށް ވެރިކަން ކުރައްވަން ދަތިވެދާނެހެން ހީވުމުން ބެއްލެވީ ރައީސް ޔާމީން ހައްޔަރަށް ގެންދެވޭތޯ އެވެ. ހަގީގަތުގައި ރައީސް ޞާލިހުގެ ބަލި ފަޔަކަށް ވެފައި އޮތީ ރައީސް ޔާމީނެވެ. އޭރު ސަރުކާރުގައި އޮވެ އެމްޑީޕީން ހިސާބު ޖެއްސެވީ ރައީސް ޔާމީން ނެތްނަމަ އިންތިހާބަކުން އެޕާޓީ ބަލިކުރެވުމަކީ އެއްވެސް މީހަކަށް ނުކުރެވޭނެ ކަމެއް ކަމުގަ އެވެ. މިހާލަތު ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ތޮބީއަތުގައި މަޑުމައިތިރި ބޭފުޅެކެވެ. ހުލްގު ހެޔޮ ހިތް ހެޔޮ ބޭފުޅެކެވެ. އިދިކޮޅުގައި ތިއްބަސް އެއްކޮޅުގައި ތިއްބަސް މި ހަގީގަތް ކޮންމެ މީހަކަށްވެސް ގަބޫލު ކުރެވުނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މާ ކުރިންވެސް ސިޔާސީ ގޮތުން ޑރ. މުއިއްޒު އަކީ އެއްވެސް މީހަކަށް ހަޖޫ ޖެއްސެވި ބޭފުޅެއް ނޫނެވެ. ރައްދު ދެއްވުމަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކެވި ބޭފުޅެއް ނޫނެވެ. ބަދަލު ހިފުމަށް މީހެއްގެ ޒާތީ ވާހަކަވެސް ދެއްކެވި ބޭފުޅެއް ނޫނެވެ. އެއްބަޔަކަށް މިއީ "ލޮނުމަޑު" ބޭފުޅެއްގެ ގޮތުގައި ފެނުނަސް ރައީސް މުއިއްޒުގެ މި ކޮލިޓީތައް ވެގެން ދިޔައީ އެމަނިކުފާނު ގަދަ ފަޔަށެވެ.
ތިން އިންތިހާބެއް ޖެހިޖެހިގެން ރައީސް މުއިއްޒު މިވަނީ ނަންގަވައިފަ އެވެ. ވެރިކަމުގެ ބާރުތަކުގައި ދެމި ހުންނަވާތާ ހަ މަހަށްވުރެއް ގިނަ ދުވަސް ވީއެވެ. އަދި މިހާތަނަށް އިދިކޮޅުގައި ހުންނެވި އެއްވެސް ބޭފުޅެއްގެ ވާހަކަ ޕޯޑިއަމްއެއްގައި ސިޔާސީ ބޭނުމަށް ދައްކަވާފައެއް ނުވެ އެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވާ ފަދައިން ބަދަލު ހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭކަން ދުވަހެއް ދުވަހަކަށް މިދަނީ ދައްކަވަމުންނެވެ.
ސިޔާސީ ހާލަތު ބަދަލުވީ ހެއްޔެވެ؟ ރައްޔިތުން ދޫދިނީ ހެއްޔެވެ؟ ނޫނެކެވެ. ރައީސް މުއިއްޒުގެ ކިބައިގައި ފާޑު ކިޔޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ނެތީ އެވެ. ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރާނެ ސަބަބެއްވެސް ނެތީ އެވެ. އަދި އިދިކޮޅަށް ރައީސް މުއިއްޒުއާއި ދެކޮޅަށް ނެންގެވޭނެ ބަރު ހަތިޔާރެއްވެސް އަދި ނުފެންނަނީ އެވެ.
ތިން އިންތިހާބަކުން ކާމިޔާބު ހޯއްދެވިއިރު ރައީސް މުއިއްޒު އެންމެ އިސްކަމެއް ދެއްވީ އެންޓި ކެމްޕެއިން ނުކުރާށެވެ. އިދިކޮޅު އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމައިލީ ސަރުކާރަށް ހަޖޫޖެހުމުގެ ބެނާތަކާއިއެކު ބޮޑު ހިނގާލުމަކުންނެވެ. އެކަމަކު ރައީސް މުއިއްޒު އެއްވެސް ޕޯޑިއަމްއެއްގައި އިދިކޮޅު އެއްވެސް ލީޑަރެއްގެ ނަންވެސް ނުގަނެ އެވެ. ބަދަލުގައި ބެއްލެވީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ވާހަކަ ވީހާވެސް ގިނައިން ދެއްކެވޭތޯ އެވެ.
ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގެން ދެތިން މަހެއްގެ ތެރޭގައި އެންމެ އާންމުކޮށް ދައްކަވާނީ "ކުރީ ސަރުކާރުގެ" ވާހަކަ އެވެ. ހާއްސަކޮށް ރައީސް ޞާލިހުގެ ފަރާތްޕުޅުން މިކަން އާދަޔާ ހިލާފަށް ފެނިގެން ދިޔަ އެވެ. އާންމުކޮށް އެހެން މީހެއްގެ ކުށް ދައްކަން މަސައްކަތް ކުރަނީ ތިމާއަށް ރަނގަޅު ކަމެއް ކޮށް ނުދެވޭކަން ކަށަވަރުވާ މީހުންނެވެ. ވޭތުވެދިޔަ ހަ މަސްދުވަހު ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނުނީ އެހެން މަންޒަރެކެވެ. ކުރީ ސަރުކާރުގެ ވާހަކަ ދެއްކެވީ ދެތިން ޕޯޑިއަމްއެއްގަ އެވެ. އެއީވެސް ސިޔާސީ ބޭނުމެއްގައެއް ނޫނެވެ. ތަފާސް ހިސާބުތަކާއިއެކު އޭރުގެ ހާލަތާއި މިއަދު ރާއްޖެ އޮންނަން މިޖެހޭ ހާލަތު ބަޔާން ކުރުމަށެވެ. ކޮންމެ ފަހަރަކު ނޫސްވެރިޔަކު ސުވާލެއް ކުރުމުން "ކުރީ ސަރުކާރުގެ" ބޮލުގައި މައްސަލަ އަޅުވައި ކަމުން ރެކިވަޑައިގަންނަވަން އުޅުއްވާ މަންޒަރެއް ޑރ. މުއިއްޒުގެ ފަރާތްޕުޅުން ނުފެނެ އެވެ.
ދެން އޮތީ ރައީސް މުއިއްޒުގެ "ލޮނުމަޑު" ކަމުގެ ވާހަކަ އެވެ. ހަރުކަށިކަމުން ހަރުކަށިކަން ނައްތައި ނުލެވޭނެ އެވެ. މިއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. މިއަދު ދިވެހިރާއްޖެއަށް ބޭނުންވަނީ ހިތްހެޔޮ އޯގާތެރި ވެރިޔެކެވެ. އެކަމަކު ހިތްހެޔޮ ވެގެން ކަމެއް ނުކޮށް ކޮންމެ ކަމަކަށް ދޫދީގެން ހުންނާނެ ވެރިއެއްވެސް ނޫނެވެ. އަމިއްލަ ޕާޓީގެ މީހަކުވެސް ގޯސް ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާ ވެރި އެކެވެ. ވޭތުވެދިޔަ ކުރު މާޒީގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން މި ނަމޫނާ ފެނިގެން ހިނގައްޖެ އެވެ. ބައެއް ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް މަގާމުތަކުން ދުރުކޮށްފި އެވެ. ޕާޓީގެ ޓިކެޓުވެސް އަތުލައިފި އެވެ. ސަސްޕެންޑުވެސް ކޮށްފި އެވެ. ހަޅޭއްނުލަވާތީ "ލޮނުމަޑު" ކަމަށް ބަޔަކު ދުށްނަމަވެސް ރައީސް މުއިއްޒު އަކީ ހައްގު ކަންކަމުގައި "ގަޓު" ރައީސެކެވެ.
ރައީސް ޞާލިހުގެ ސަރުކާރުގައި އެމަނިކުފާނުގެ ބަލި ފައި ހައްޔަރުކޮށް ގެންދިޔައީ ކުޑަގޮޅި އަށެވެ. ރައީސް މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި އެއްވެސް މީހަކަށް ސަރުކާރު ބަލިކަށިކޮށެއް ނުލެވޭނެ އެވެ. ރައްޔިތުންނަށް އޮންނަނީ ހަގީގަތް ދެއްކުމެވެ. ކަންކަން ކުރެވޭކަން، އަދި ހާލަތުވެސް ބަދަލު ކުރެވޭކަން ދެއްކުމެވެ. ހަމައެކަނި ވާހަކައަކުން ނޫނެވެ. އަމަލުންވެސް އެކަން ދެއްކުމެވެ. މިއަދު ފެނިގެން މިދަނީ މައްސަލަތަކުގެ ވާހަަކަ އަވަސް އަވަހަށް ދެއްކުމުގެ ބަދަލުގައި އެމައްސަލަތަކުގެ ހައްލުގެ ވާހަކަ ދައްކާ ތަނެވެ. ހައްލު ހޯދުމަށް މަސައްކަތް ކުރާ ތަނެވެ. ސަރުކާރުގެ ކޮންމެ ވެރިޔަކަށްވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެ އިރުޝާދު ދެއްވާ ތަނެވެ.
އެއާރޕޯރޓް ގައި މާގިނަ ޓެކްސީ ތައް ޖަމާވެ ތިބުން ވެސް އެއީ ނުރައްކަލެކޭ އެއާރޕޯރޓް ފަދަ ތަންތަނަކީ ޕަސެންޖަރުން ފިޔަވައި ބޭރުން އަރާ މީހުން އެހާ ގިނައިން ތިބެން ޖެހޭނެ ތަނެއް ނޫނޭ ދެން މާލޭގެ ޓެކްސީ ތައް އެގޮތަށް އެއާރޕޯރޓަށް ގޮސް ކިއޫގައި ތިބޭއިރު އަލިފާނުގެ ހާދިސާ އެއް ހިނގައިފިނަަމަ އެއާރޕޯރޓްގެ ދުވަސް ދާނެއޭ އަމިއްަލ ޓެކްސީ ތައް އެއަރޕޯރޓަށް އަރާއިރު އެއަރޕޯރޓަށް އޮތީ އެޓެކްސީ ތަކުގެ ސޭފްޓީ އާއި މެދު ކޮން ޔަގީން ކަމެއްތޭ އެއްވެސް ޔަގީން ކަމެއް ނެތޭ