އަހަންނާއެކު ފޮޓޯއެއް ނަގާނަމަ 20 ލައްކަ ރުޕީސް ދޭން ޖެހޭނެ: އޯރީ
އެއްވެސް މީހަކާއި އެކީގައި ފޮޓޯއެއް ނަގަން އެންމެ މަދުވެގެން 20 ލައްކަ ރުޕީސް ހޭދަވާނެ ކަމަށް އިންޑިއާގެ މަޝްހޫރު އިންފުލުއެއްސާ އޯރްހާން އަވަތުރަމާނީ، އޯރީ ބުނެފި އެވެ.
މިދިޔަ އަހަރުން ފެށިގެން ބޮލީވުޑްގައި ކުއްލިއަކަށް މަޝްހޫރުކަން ހޯދި އޯރީއަކީ ބޮލީވުޑް އެކްޓަރެއް ނޫނެވެ. މިހާތަނަށް އައިއިރު އޭނާގެ އެއްވެސް ފިލްމީ މަސައްކަތެއްވެސް ނުފެނެ އެވެ. އެހެންނަމަވެސް އޭނާ މަޝްހޫރުވެގެން ދިޔައީ ބޮލީވުޑްގެ ތަރިންނާއިއެކު އެއް ޕޯސްއެއްގައި ފޮޓޯ ނަގައިގެންނެވެ.
ބިގްބޮސް ގެ 17 ވަނަ ސީޒަންގައި ބައިވެރިވެ ވާހަކަ ދައްކަމުން އޯރީ ވަނީ އޭނާ ފައިސާ ހޯދަނީ ފޮޓޯ ނަގައިގެންކަން ހާމަކޮށްފަ އެވެ. އެހެންނަމަވެސް އޭރު އޭގެ މާބޮޑު ތަފްސީލެއް ނުދެ އެވެ.
ދާދި ފަހުން ބާރްތީ ސިންގް އާއި ހަރްޝް ލަމްބަޗިޔާގެ ޕޮޑްކާސްޓުގައި ބައިވެރިވެ ވާހަކަ ދައްކަމުން އޯރީ ބުނީ އޭނާއާއިއެކު އެއްވެސް މީހަކު އެދިގެން ފޮޓޯއެއް ނަގާނަމަ އެންމެ މަދުވެގެން 20 ލައްކަ ރުޕީސް ދޭން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ ރަސްމީ ޕޯސްގައި ފޮޓޯއެއް ނަގަން ބޭނުންވާނަމަ 25 ލައްކަ ރުޕީސް ނަގާކަމަށްވެސް އޯރީ ބުންޏެވެ.
އޯރީގެ ރަސްމީ ޕޯސްއަކީ އޭނާގެ ކަނާއަތް އަނެކާގެ މޭމަތީގައި ބާއްވައިގެން ކެމެރާއަށް ބެލުމެވެ. މިގޮތަށް އެތައް ފަންނާނުންނަކާއިއެކު އޯރީ ވަނީ ފޮޓޯ ނަގައިފަ އެވެ.
އޯރީ ބުނީ ގިނަ ތަރިންނާއިއެކު ފޮޓޯ ނަގާފައިވާނީ އޭނާ އަމިއްލައަށް އެދިގެން ކަމަށާއި އެ ފޮޓޯތަކަށް ފައިސާ ނުނަގާ ކަމަށެވެ. އެހެންނަމަވެސް ބައެއް ފޮޓޯތައް ނަގާފައިވާނީ އަނެއް މީހާ އެދިގެން ކަމަށާއި އެފޮޓޯތަކަށް ފައިސާ ނަގާފައިވާނެ ކަމަށްވެސް އޯރީ ބުންޏެވެ.
އޯރީގެ އިންފްލުއެންސާ ކެރިއަރ މެނޭޖުކުރުމަށް އޭނާގެ އަމިއްލަ އޮފީހެއް ވަނީ ހުޅުވައިފަަ އެވެ. އެ އޮފީހުގައި އޭނާއާއި ވައްތަރު މީހުން މުވައްޒަފުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ. މުވައްޒަފުން އޮފީހުގައި ވާހަކަ ދައްކަން ޖެހެނީ އޯރީ ވާހަކަ ދައްކާ ގޮތަށެވެ. އަދި އެ އޮފީހުގައި ހެދުން އަޅަންވެސް ޖެހެނީ އޯރީ ހެދުން އަޅާ ގޮތަށެވެ.
ދާދި ފަހުން އޯރީ ވަނީ ކަރަން ޖޯހަރުގެ ދަރްމެޓިކްސްއާއި ގުޅިފަ އެވެ. އެހެންކަމުން މިހާރު އޯރީ މެނޭޖު ކުރަނީ ދަރްމެޓިކްސް އިންނެވެ. އެހެންނަމަވެސް އޯރީ ވަނީ ދުވަހަކުވެސް ފިލްމެއް ނުކުޅޭނެކަމަށް ބުނެފަ އެވެ. އޭނާ ބުނާ ގޮތުން އެއްވެސް ކަހަލަ މަސައްކަތެއް ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.