ޚަބަރު

ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެމްއެންޔޫ ދަރިވަރުންތަކެއްގެ ދަސްވެނިވުން - ފޮޓޯ: އެމްއެންޔޫ

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MWSC

މި ފުރުސަތު ހުޅުވާލައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ އެ މިނިސްޓްރީގެ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ސްކޮލާޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނުގައި ފަސް މާއްދާއިން A ނުވަތަ އެއަށް ވުރެ މަތީ ފާހެއް ހޯދުމުން ކަމަށެވެ. މީގެ އިތުރުން ވެސް ޝަރުތުތަކެއް ކަނޑައަޅައި، އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބެނީ، ރާއްޖޭގެ އިތުރުން ސާކްގެ އެހެން ގައުމުތަކުން އަދި މެލޭޝިޔާ، ތައިލެންޑާއި، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުން ވެސް ސްކޮލާޝިޕް މެދުވެރިކޮށް ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އޯއީސީޑީގެ ގައުމުތަކުގެ ތެރޭގައި ޖަޕާން، ދެކުނު ކޮރެއާ، ޗިލީގެ އިތުރުން ހިމެނެނީ ޔޫރަޕްގެ ބައެއް ގައުމުތަކެވެ.

ސްކޮލާޝިޕްގެ އުސޫލުގައިވާ ގޮތުން، ސްކޮލާޝިޕް ހަމަޖެހޭތާ 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެއެވެ.

އަދި މި ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން 31 ޖުލައިވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!