ހަށިގަނޑުގައި ވިޓަމިން-ޑީ މަދު މީހުނަށް ކޮވިޑްގެ ނުރައްކާ ބޮޑު
ހަށިގަނނޑުގައި ވިޓަމިން ޑީ މަދު މީހުނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު 60 އިންސައްތަ އިތުރުވާ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
ވިޓަމިން ޑީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ނުރައްކާތެރި ވައިރަސް ތަކުން ހަށިގަނޑު ދިފާއުކޮށްދޭ ޓީ ސެލް ތަކާއި މެކްރޯފޭޖަސް ވަރުގަދަ ކުރުމަށް މުހިންމު މާއްދާއެކެވެ.
މީގެ ކުރީގެ ބައެއް ދިރާސާތަކުން ވަނީ ވިޓަމިން ޑީ މަދުވުމާ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާ ގުޅުން ހުރި ކަމަށް ވެސް ދައްކާފަ އެވެ.
ޔުނިވާސިޓީ އޮފް ޗިކާގޯ އިން ކުރި މި އައު ދިރާސާގައި ދައްކާ ގޮތުގައި ހަށީގަނޑުގައި ވިޓަމިން ޑީ ހުރިވަރު އިތުރުކުރި މީހުނަށް ކޮވިޑް-19 ޖެހިފައިވަނީ ވަރަށް މަދު އިންސައްތައެއްގެ މީހުނަށެވެ. ނަމަވެސް މި ދިރާސާގައި ހިމަނާފައިވާ މީހުންގެ އަދަދު މަދުވުމާއެކު، ވިޓަމިން ޑީ އިން ކޮވިޑް-19 އަށް ކުރާ އަސަރުތައް ދެނެގަތުމަށް އިތުރަށް ކްލިނިކަލް ޓްރަޔަލްސް ހަދާނެ ކަމުގައި ވެސް ބުނެފައިވެއެވެ.
ހަށިގަނޑަށް ވިޓަމިން ޑީ ލިބެން އޮތީ ދެ ގޮތަކަށެވެ. އެއީ އިރުގެ އަވިންނާއި ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުމެވެ.
އިރުގެ އަވިން ވިޓަމިން ޑީ ހޯދުމަށް، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ބައި ގައިޑިއެއްހާއިރު އަވީގައި ހޭދަ ކުރަން ޖެހޭނެ އެވެ. އަދި އެކަމަށް އެންމެ ރަނގަޅީ އިރު އަރައިގެން އަންނަ ވަގުތެވެ.
ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ހޯދުމަށް ދެން އޮތް ގޮތަކީ، ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުމެވެ. އެގޮތުން، ދަޅު މަހާއި، ސަލްމަން އަދި ސާޑައިންސް އަކީ ގިނަ އަދަދަކަށް ވިޓަމިން ޑީ އެކުލެވޭ ކާނާތަކެވެ.
އޭގެ އިތުރުން ކޮޑް ލިވާ އޮއިލް އާއި މަޝްރޫމް، އޮއިސްޓާ އަދި ބިހުގެ ރީނދޫ ބަޔަކީ ވެސް ވިޓަމިން ޑީ އެކުލެވޭ ކާނާތަކެވެ.