ޚަބަރު

ފޭސް ދޭއް ބީޗު ހަޓުތައް ޖެހިގެން އޮތް ހުސް ތަނަށް ބަދަލު ކުރަން ފުރުސަތު ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެ ތަނުގައި ބަހައްޓާފައިވާ ތަކެތި 31 މެއި ގެ ނިޔަލަށް، އެޗްޑީސީގެ އިރުޝާދުގެ ދަށުން، ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަލު ކުރަން އަންގައިފިއެވެ.

Ads by Sosun Fihaara

ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތަށް ހަޓުތައް ނަގަން ކުރިން އެޗްޑީސީން އެންގި އެވެ. އެއަށް ފަހު މިއަދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން، ހަޓު ހިންގާ ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމަށް ފަހު އެޗްޑީސީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައިވަނީ ބީޗާ ޖެހިގެން އޮތް ހުސް ބިމަށް ވަގުތީ ގޮތުން ހަޓުތައް ބަދަލު ކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުމަށެވެ. ނަމަވެސް އެ ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!