އައިޝްވާރިޔާ ފަލަ ވާހަކަ މިފަހަރު ނުދެއްކީ ކީއްވެ؟

ބޮލީވުޑް ބަތަލާއިންގެ ހަށިގަނޑަށް އަންނަ ބަދަލާއިއެކު އެމީހުންނަށް އާންމުކޮށްވެސް މަލާމާތް ރައްދުވެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބަތަލާއިން އެމީހުންގެ ހަށިގަނޑު ހިކިކޮށް އަދި ފިޓުކޮށް ބެހެއްޓުމަށް ބޮޑު އިސްކަމެއް ދެމުން އައިސްފައިވަނީ މީޑިއާތަކުގެ މަލާމާތުން ސަލާމަތްވުމަށެވެ.
ކުރީގެ މިސް ވޯލްޑް އަދި ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީ ވިހެއުމަށްފަހު ބަރުދަން އިތުރުވުމުން އާންމުންގެ މަލާމާތް އޭނާއަށް ރައްދުވި އެވެ. ބަތަލާއަކަށް ވެހުރެ ހަށިގަނޑު ފަލަވުމުން މީޑީއާތަކުންވެސް އޭނާއަށް ފާޑު ކިއެވެ. އެއަށްފަހު އައިޝްވާރިޔާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އެތައް ކިލޯއެއް އޭނާ ލުއި ކުރި އެވެ.
ކޮންމެ އަހަރެއްގެ ކޭންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވާ އައިޝްވާރިޔާ މިއަހަރުވެސް ކޭންސްގެ ރެޑް ކާޕެޓުން ފެނިގެން ދިޔަ އެވެ. އޭނާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ހެދުމެކެވެ. މިއަހަރުގެ ރެޑް ކާޕެޓުން އޭނާ ފެނުނުއިރު އޭނާގެ ހަށިގަނޑަށް އަނެއްކާވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެތައް ކިލޯއެއް ބަރުވެ މޫނުމަތިންވެސް ފަލަކަން އެނގެން ހުއްޓެވެ. އެހެންނަމަވެސް އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު އޭނާއަށް މަލާމާތް ރައްދެއް ނުވި އެވެ.

ބަތަލާ އައިޝްވާރިޔާ ރާއީ ކޭންސް ފިލްމު ފެސްޓިވަލް 2024 ގައި
ފެސްޓިވަލްގައި ބައިވެރިވިއިރު އައިޝްވާރިޔާގެ ކަނާތަށް އަނިޔާވެގެން އެއަތުގައި ވަނީ ބެންޑޭޖް އަޅައިފަ އެވެ. އަނެއްކޮޅުން ވޭތުވެދިޔަ އަހަރުތަކުގައި ފިލްމީ މަސައްކަތްތަކަށްވުރެއް އޭނާާ އިސްކަން ދީފައިވަނީ ދަރިފުޅު އަރާދަޔާގެ ކިޔެވުމަށެވެ. މިފަހަރު މީޑިއާތަކުން ތައުރީފު ކުރީ އައިޝްވާރިޔާގެ ހިތްވަރަށެވެ. އެގޮތުން ބައްޗަން އާއިލާއާ އައިޝްވާރިޔާއާއި މައްސަލަ ޖެހުނު އިރުވެސް ގިނިކަންޏާ ދަރިފުޅު ތަރުބިއްޔަތު ކުރާ ވާހަކަ މީޑިއާއިން ދެއްކި އެވެ. އަދި މުސްކުޅި މަންމައަށް އަޅާލާ އޭނާ ބަލަމުން އާމްދަނީވެސް ހޯދަމުން ދާތީ އައިޝްވާރިޔާއަށް ތައުރީފު ކުރި އެވެ.
އައިޝްވާރިޔާގެ ހަށިގަނޑަށް އައި ބަދަލާއިއެކުވެސް އާންމުންގެ ލޯބި އޭނާއަށް ލިބެމުން ދަނީ އަންހެނަކަށް ވެހުރެ ހިތްވަރާއިއެކު ކުރިއަށް ދާތީ ކަމަށްބުނެ އިންޑިއާގެ މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. އަދި މީހާ ފަލަވުމާއި ހިކިވުމަކުން އޭނާގެ ރީތިކަމަށް އަސަރު ކުރާކަމެއް ނޫންކަމަށް މީހުން ދަނީ ބުނަމުންނެވެ.