މޫސުން ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. ސަމާލު ނެރުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 14:30 އާއި ހަމައަށެވެ.
މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަކަމަށް މެޓުން ބުނެ އެވެ.
މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވާނެކަމަށް ލަފާކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން އިއްޔެ ވަނީ ސަލާމަތީ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގެއަށް ފެން ނުވަންނާާނެހެން ވެލި ބަސްތާ ޖެހުންފަދަ ކަންކަން ކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިންވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.