ޚަބަރު ސަރުކާރު

ތަރައްގީއަށް ޓެކްނޮލޮޖީ ލިޔަންކިޔަން ނުދަތުން ނައްތައިލަންޖެހޭ: ވަޒީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް

ޓެކްނޮލޮޖީ ލިޔަންކިޔަން ނުދަތުން ނައްތައިލުމަށް ވަކި ގިންތިއެއް ތަފާތު ނުކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ލޯކަލް ގަވަމެންޓް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއަދަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހެވެ. މިދުވަހާއި ގުޅިގެން ދެއްވި ހިތޯބުގައި ވަޒީރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުއާސަލާތީ ވަސީލަތްތަކުގެ ތެރެއިން އީޖާދީ ގޮތްތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ގޮތުން، ގައުމުތައް ކުރިއެރުމަށް އެންމެ މުހިންމު ވަސީލަތަކީ ވެސް ޓެކްނޮލިޖީކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، 1980 ގެ އަހަރުތަކުގައި ލިޔަންކިޔަން ނުދަތުން ނައްތައިލި ގޮތަށް ޓެކްނޮލޮޖީ ލިޔަންކިޔަން ނުދަތުން މިހާރު ނައްތައިލަން ޖެހިފައިވާ ކަމަށެވެ.

ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ވިއަސް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ހުރި ގޮންޖެހުންތައް އެބަހުރި ކަމަށް ވަޒީރު އާދަމް ޝަރީފު ވިދާޅުވި އެވެ. އެގޮތުން އާބާދީ މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުމަކީ ތަރައްގީއަށް ހުރި ހުރަހެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ އެކަހެރިކަން ކުޑަކުރުމަށް އިޖާދީ ގޮތްތަކަށް ޓެކްނޮލޮޖީގެ ބޭނުން ވަރަށް ރަނގަޅަށް ހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އާންމުކޮށް ނޫސް ކިޔަނީ އޮންލައިން ކޮށް. ފެނާއި ކަރަންޓާ ފޯނު ފަދަ ޚިދުމަތްތައް މިހާރު ގެއަށް ބިލެއް ނާދޭ. ސަރުކާރުންދޭ ގިނަ ޚިދުމަތްތައް މިހާރު ހޯދަނީ ޕޯޓަލެއެއް މެދުވެރިކޮށް،" ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގުތައް ޒުވާން ޖީލުތަކެކޭ އެއްފަދައިން ދޮށީ އުމުރުގެ މީހުންނާއިި ހުރިހާ ގިންތިއެއްގެ މީހުންނަށް ފަހި ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. މިއަމާޒަށް ވާސިލުވުމަށް ރާއްޖޭގެ މުއާސަލާތީ ޚިދުމަތާ ބެހޭ ސިޔާސަތު އެކުލަވައިލުމަށްޓަކައި ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރަމުން އަންނަކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އަދި އެ ސިޔާސަތު ވަރަށް އަވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ހިއްސާ ކުރައްވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!