ޚަބަރު

މިނިސްޓްރީގެ މުޅި ޓީމު އޮތީ ބަދަހިކޮށް އަޅުގަނޑާއެކު: ފައިސަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާ ހިމެނޭ ގޮތަށް ޓޫރިޒަމް ހިއްސާވާ އިދާރާތަކުގެ ލީޑާޝިޕްގައި ތިބި ފަރާތްތަކާއި މެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ފައިސަލް އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަސްލަހަތު އޮންނަ ''ޗެނަލް13" އިން ލިޔެފައިވާ ހަބަރެއް ދޮގުކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގަ އެވެ.

ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންފަހުން ސަރުކާރާ ދެކޮޅަށް ވަރަށް ގިނަ ހަބަރުތައް ފަތުރަމުންދާ ޗެނަލް13 އިން ޝާއިއުކުރި ހަބަރެއްގައި އޮތީ އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު އެ ކުންފުނިން ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނުގެންދިއުމަށް ފައިސަލު އަންގަވާފައިވާ ކަމަށެވެ.

ނަމެއް ނެތް މަސްދަރަކާ ހަވާލާދީ އޮތް އެ ހަބަރުގައި ޓޫރިޒަމް މިނިސްޓްރީ ތެރޭގައި ބޮޑެތި ބައިބައިވުން އޮތް ކަމަށް ސިފަކޮށްފައިވެ އެވެ.

އެ ހަބަރު ފޭސްބުކްގައި ހިއްސާކުރުމަށް ފަހު އޭގައި ހިމެނޭ ވާހަކަތައް ދޮގުކުރައްވަމުން ފައިސަލް ލިޔުއްވީ ޗެނަލް13 ގައި ލިޔެފައިވާ ރޯބުހުތާނު ދޮގެއް ކަމަށެވެ.

''ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެން އަޅުގަނޑު ފަހަތަކަށް ނުޖެއްސޭނެ''

ފައިސަލް ދެއްވި ޔަގީންކަމަކީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރުސީއާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކެމެވެ.

ލީޑާޝިޕްގައި ތިބި ފަރާތްތަކާއި މެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

''އިންތިޒާމްކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް'' ފައިސަލްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!