ސްކޫލުތައް އޭސީ ކުރަން 600 މިލިއަން، ކަރަންޓަށް އަހަރަކު 178 މިލިއަން
ރާއްޖޭގެ ސްކޫލުތައް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއަށް 600 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރު ހުރިހާ ސްކޫލުތަކެއް އޭސީ ކުރުމުގެ މަޝްރޫއު އިއުލާންކޮށްފައިވަނީ ނިމިދިޔަ ހަފްތާގައި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ. މިމަޝްރޫއު މަދުވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
ސްކޫލުތައް އޭސީ ކުރުމާއި ގުޅޭގޮތުން ޑރ. ހަސަން ވަނީ އޭނާގެ ބްލޮގުގައި ލިޔުއްވައިފަ އެވެ. ހިސާބު ޖައްސަވަމުން އެ ބްލޮގުގައި އޭނާ ވިދާޅުވީ ރާއްޖެ ތެރޭގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުގައި ހުރި ޖާގަތައް ފިނިކުރުމަށް ބޭނުންވާ އޭސީތަކުގެ ކަރަންޓު ބިލަށް މަހަކު އަރާ ވަރަށް ބަލައި 15 ކްލާސްރޫމް ފިނިކުރުމަށް މަހެއްގެ މައްޗަށް 795,000ރ. ހޭދަވާނެ ކަމަށް އަންދާޒާކުރައްވާފަ އެވެ. އެ ރޭޓުން ބަލާނަމަ ކަރަންޓަށް އެކަނި އަހަރަކު 168 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޑރ. ހަސަން ވަނީ ލިޔުއްވައިފަ އެވެ.
ކުދި މަރާމާތާއި ނާލު ފީ އާއި އަދި އެހެނިހެން ފީތައް ހިމެނޭހެން އަހަރެއްގެ މައްޗަށް އޭސީ ބަލަހައްޓައި ބިލު ދައްކަން 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޑރ. ހަސަަން ވަނީ ހިސާބު ޖައްސަވާފަ އެވެ.
ވައި ވަދެނުކުމެވާ ގޮތް ހުއްޓައި، ސީދާ އަވި ނުދޭގޮތް ހަދައި، އާނގަތައް ބަންދު ކުރުން ހިމެނޭހެން ކްލާސްރޫމްތައް ބަންދުކުރެވޭ ގޮތަށް ހެދުމުގެ ހަރަދަށް، 470 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން މަދުރަސާތަކަށް އަލުން ކޭބަލް އެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރު ކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިންއާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ޚަރަދުތައް ހިމަނައިގެން ހުރިހާ ކިލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގެއް ކަމަށް އަޅުގަނޑު ލަފާކުރަނީ މަދުވެގެން 130 މިލިއަން ރުފިޔާކަމަށް ބްލޮގުގައި ވެއެވެ.
މިހަރަދުތަކާއިއެކު މުޅި މަޝްރޫއަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އޭނާ ލަފާކުރެ އެވެ. އަދި އޭސީތައް ސޯލާ ނިޒާމަކުން ޖައްސާގޮތަށް ހަދާނަމަ އެ ނިޒާމު ގާއިމުކުރުމަށް 330 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ހަސަން ލަފާކޮށްފައިވެ އެވެ.
ޑރ. ހަސަން ބުރަވަނީ ކްލާސްރޫމްތައް އޭސީ ކުރުމަށްވުރެއް މުހިންމު ކަންކަން މިވަގުތު ތައުލީމީ ދާއިރާއަށް ބޭނުންވެފައިވާކަމެވެ. އެގޮތުން އޭލެވެލް ނިންމައި ނިކުންނަ ދަރިވަރުންނަށް އެލެވެންސާއި ކޯސްފީ ދީގެން މުދައްރިސުން ތަމްރީނު ކުރުން މިވަގުތަށް މާ މުހިންމުކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.
ކްލާސް ރޫމުތަކަށް ހޫނުވުމުގެ ޝަކުވާ މިފަހުން ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް މިދިޔަ ތިން މަހެއްހާ ދުވަހު ރާއްޖެއަށް ކުރިމަތިވި އެންމެ ހޫނުގަދަ ދުވަސްތަކުގައި ބައެއް ކްލާސްރޫމްތަކުގައި ކިޔަވައި ނުދެވޭވަރަށް ހޫނުގަދަވެ ބެލެނިވެރިންގެ އެހީގައި ފަންކާ ގަންނަންވެސް ސްކޫލުތަކުން އެދުނެވެ.
ކިތަންމެ ހަރަދު ބޮޑުވިޔަސް ޓީޗަރުން ތިބެނީ އެއަރކޯން ގައި ކަމަށް ވާނަމަ ދަރިވަރުން ތިބެން ޖެހޭނީ އެއަރކޯންގަ…