އިރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން ދިދަ ބައިދަނޑިއަށް ތިރިކުރަނީ

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ, މި ހިތާމައިގައި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް, ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ރައީސީ އާއި އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އަވަހާރަވީ އެ ދެބޭފުޅުން ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާ އެއްގަ އެވެ. ހެލިކޮޕްޓަރު ފެނުނުއިރު ހެލިކޮޕްޓަރު ވަނީ އެއްކޮށް އަނދައިފަ އެވެ.
މިހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ރައީސީ އާއި މިނިސްޓަރު އަބްދުﷲ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ބަދުނަސީބު ހާދިސާގައި ފުރާނަ ގެއްލުނު ދެބޭފުޅުންނަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ފުން ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިންގެ ވިސްނުމާއި ދުއާ ވަނީ ދެ ބޭފުޅުންގެ އާއިލާއާއި އީރާނުގެ ރައްޔިތުންނާއި އެކުގައި ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އީރާނުގެ ރައީސް ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައި އޮއްވައި ފެނުނީ ތުރުކީގެ ޑްރޯންއަކަށެވެ. ފެނުނުތާ ގާތްގަނޑަކަށް 15 ގަޑިއިރު ފަހުން ރެސްކިއު ޓީމުތަކަށް އެހިސާބަށް ދެވުނު އިރު ހެލިކޮޕްޓަރު ވަނީ މުޅިން އަނދައިފަ އެވެ. އަދި ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް އީރާނުގެ ގައުމީ ޓީވީން ވަނީ ބުނެފަ އެވެ.