ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކިރިބާޓީގެ ފިޝަރީޒް މިނިސްޓަރު ޑރ. ނިބަނާޓަކޭ ޓިވާއުއާއި ބައްދަލުކުރައްވައި މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މިނިސްޓަރު ޝިޔާމް އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒެބިޝަންގައި ބައިވެރިވުމަށް ތައިލޭންޑުގެ ބެންކޮކްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިރިބާޓީގެ ވަޒީރާއި ބައްދަލު ކުރެއްވީ ހަވާސާގެ ބޭރުންނެވެ.
މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ދެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް ފައިދާކުރަނިވި ކަންކަމުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައި ވެއެވެ. ރާއްޖެއާއި ކިރިބާޓީއަކީވެސް މަސްވެރިކަން ކުރާ ދެ ގައުމުކަން ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މިނިސްޓަރު ޝިޔާމްގެ މި ދަތުރުފުޅުގައި މިއަދު ވަނީ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއާމަން ރަހީމް ހޫސަންއާވެސް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުމަށާއި އެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޗެއާމަން މިނިސްޓަރު އަރިހުގައި ދެންނެވިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުންވެސް ޝިޔާމް ގެންދަވަނީ ބައިނަލްއަގުވާމީ މަސްވެރިކަމުގެ ޖަމިއްޔާ ޖަމާއަތްތަކާއި، ބޭރުގެ އެހެނިހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މަސްވެރިކަމުގެ ދާއިރާގެ މަޝްވަރާތައް ކުރިއަށް ގެންދަވަމުންނެވެ.