ބޮލީވުޑް މުނިފޫހިފިލުވުން

ދަރިފުޅު ފިލްމު ކުޅެން ބޭނުމެއް ނުވޭ، ލަނީ އެހެން މީހުން ލާފަ ހުންނަ ހެދުން: އަކްޝޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަކްޝޭ އަދި ޓްވިންކަލް އެމީހުންގެ ފިރިހެން ދަރިފުޅު އާރަވް އާއިއެކު

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ ފިރިހެން ދަރިފުޅު އާރަވްއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެން ލޯބިކުރާ ކުއްޖެއް ކަމާއި، އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ފިލްމީ މަސައްކަތްތަކަށް ނެތްކަން ހާމަކޮށްފި އެވެ.

Ads by Hajj Corporation

އަކްޝޭ އާއި ބަތަލާ ޓްވިންކަލް ކަންނާގެ ކައިވެންޏަށް ދެ ކުދިން ތިބެ އެވެ. އެއީ އާރަވް އަދި ނިތާރާ އެވެ. ޖިއޯ ސިނަމާގެ ދަވަން ކަރޭނގޭ ޓޯކް ޝޯގައި ބައިވެރިވެ އަކްޝޭ ވަނީ އޭނާގެ ދަރިފުޅު އާރަވްއާއި ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

އަކްޝޭ ބުނީ އުމުރުން އެންމެ 14 އަހަރުގައި ތައުލީމު ހާސިލް ކުރަން އާރަވް އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުވި ކަމަށެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް އޭނާ ދިރިއުޅެމުން ދަނީ ލަންޑަނުގައި ކަމަށް އަކްޝޭ ބުންޏެވެ.

މައިންބަފައިންނާއިއެކު އުޅުނު އިރުވެސް އަމިއްލަ ކަންކަން އަމިއްލައަށް ކުރަން އާރަވް ލޯބިކުރާ ކަމަށް އަކްޝޭ ބުންޏެވެ. އަދި އޭނާއަކީ އަގުބޮޑު އަންނައުނު ގަންނަން ބޭނުންވާ ކުއްޖެއް ނޫންކަމަށްވެސް އަކްޝޭ ބުންޏެވެ. އާރަވް އަންނައުނު ގަންނަނީ ސެކަންޑް ހޭންޑް ފިހާރަތަކުން ކަމަށްވެސް އޭނާ ބުންޏެވެ. ސެކަންޑް ހޭންޑް ފިހާރަތަކުގައި ވިއްކަން ހުންނަނީ އެހެން މީހުން ލާފައި ހުންނަ އެހާ ބާ ނުވާ އަންނައުނެވެ. އާންމުކޮށް މިތަންތަނުން އަންނައުނު ގަންނަނީ އަގުބޮޑެތި އާ އަންނައުނު ގަތުމުގެ ފޯރުންތެރިކަން ނުހުންނަ މީހުންނެވެ.

ފިލްމީ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރޭތޯ އާރަވް ކައިރިން ސުވާލު ކުރުމުން ފިލްމު ކުޅެން ބޭނުން ނުވާކަން އާރަވް ފާހަގަކޮށްފައިވާކަމަށް އަކްޝޭ ބުންޏެވެ. އަދި އާރަވްގެ އެ ނިންމުމަށް އަކްޝޭއާއި އަންހެނުން ޓްވިންކަލްވެސް އިހުތިރާމް ކުރާކަމަށް ބުންޏެވެ.

އަކްޝޭ ބުނީ އާރަވް ގަސްތު ކުރަނީ ފެޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާށެވެ. އަދި އެކަމަށް އާއިލާއިން އަބަތުވެސް ތާއީދު ކުރާނެކަމަށް ބުންޏެވެ.

އަކްޝޭގެ އަންހެނުން ޓްވިންކަލް އަކީ ވެޓެރަން އެކްޓްރެސް ޑިމްޕަލް ކަޕާޑިއާގެ ދަރިފުޅެވެ. އެހެންކަމުން އާރަވް އާއި ނިތާރާއަކީ ފިލްމީ ބެކްގްރައުންޑަކުން އައިސް ތިބި ދެ ކުދިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!