ޚަބަރު

 އޮޔާދާ ކަނދުފަތި މެނޭޖްކުރާނެ ގަރާރެއް ފާސްކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އެތަށް އަހަރެއްގެ ހޫނު މަޝްވަރާއަށް ފަހު، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތި (ޑްރިފްޓިން ފިޝް އެގްރިގޭޓިން ޑިވައިސަސް) މެނޭޖްކުރާނެ ގަރާރެއް ފާސްކޮށްފި އެވެ.

Ads by Hajj Corporation

އެ ގަރާރު ފާސްކޮށްފައިވަނީ މިމަހުގެ 13 އިން 17 މޭ އަށް ތައިލެންޑްގައި ބޭއްވުނު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 28 ވަނަ އަހަރީ ބައްދަލުވުމުގަ އެވެ. މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް 6 ގައުމަކުން ހުށަހެޅުނު 24 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން 16 ހުށަހެޅުމެއްވަނީ އައިއޯޓީސީގެ މެމްބަރު 30 ގައުމުގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖެއިންވެސް ބައިވެރިވި އެ ބައްދަލުވުުމުގައި، ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އޮޔާދާ ކަނދުފަތި ބޭނުންކުރުން މެނޭޖްކުރާނެ ގަރާރެއް ފާސްކުރެވިގެން ދިޔުން ކަމަށާއި އެގަރާރުގެ ސަބަބުން ފުރަތަމަ ފަހަރަށް އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ ދަފްތަރެއް ގާއިމްކުރެވި މިސަރަހައްދުގައި ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ އަދަދު މޮނިޓާ ކުރެވިގެންދާނެ ކަމަށެވެ.

އެގަރާރަކީ ދެކުނު އެފްރިކާ، އިންޑޮނީޝިއާ، ޕާކިސްތާން، ޔޫރަޕިއަން ޔޫނިއަން، ދެނުކު ކޮރެއާ، މޮރިޝަސް އަދި ސީޝެލްސްއިން އެއްކޮށް މަސައްކަތްކޮށް ރާއްޖެއިން ގައުމުތަކުގެ މެދުގައި ފެސިލިޓޭޓްކޮށްގެން ފާސްކުރެވުނު ގަރާރެކެވެ.

މީގެ އިތުރުން، ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ކޮންމެ އުޅަނދަކަށް ދޫކުރެވޭނެ އޮޔާދާ ކަނދުފަތީގެ އަދަދުތަށް މަދުކޮށް އެކަމަށް ހަމައެއް ކަނޑައަޅައި، މިފަދަ އުޅަނދުތަކުން މަސްވެރިކަމުގެ އެފިޝަންސީ އިތުރުކުރުމަށް ބޭނުންކުރާ ސަޕްލައި އުޅަނދުތަކުގެ އަދަދު މަދުކޮށް، އިންޑިއާ ކަނޑުގައި އޮޔާދާ ކަނދުފަތި ބޭނުންކުރަމުންދާ ގޮތް ބެލެހެއްޓޭނެ ހާއްސަ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އައިއޯޓީސީ ގައި ބައިވެރިވި ފިޝަރީޒް މިނިސްޓްރީގެ ވަފްދުގެ ބޭފުޅުން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

 

މިނިސްޓްރީން މިއަދު މީޑިއާތަކާ ހިއްސާކުރި ޕްރެސް ބްރީފިން ގައި ބުނީ ބޮޑުދަލުގެ މަސްވެރިކަމަކީ ކުދި ރީނދޫއުރަހަ ގިނައިން ބާނަމުންދާ މަސްވެރިކަމެއް ކަމަށްވާއިރު އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ މިހާ ދަށްވެފައިވާ ދަނޑިވަޅުގައި އެފަދަ ގަރާރެއް ފާސްކޮށް އެއަށް އަމަލުކުރަން ފެށުން ވެގެންދާނީ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ރަނގަޅު ހާލަތަކަށް ގެނައުމަށް ލިބިގެންދާނެ ވަރަށްބޮޑު އެހީއަކަށް ކަމަށެވެ.

މީގެ އިތުރުން ކަޅުބިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް މެނޭޖްމެންޓް ޕްރޮސީޖާއަކަށް އެއްބަސްވެވުމަކީވެސް މިއަހަރުގެ ބައްދަލުވުމުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ޔޫރަޕިއަން ޔޫނިއަންއާ ދިވެހިރާއްޖެއިން ސްޕޮންސަކޮށްގެން ހުށަހެޅި މިހުށަހެޅުމަކީ އެތައް އަހަރެއްގެ މަސައްކަތަށްފަހު ސަރަހައްދުގެ ކަމާބެހޭ ސައިންސްޓިސްޓުންނަށް އެއްބަސްވެވިގެން ކަޅުބިލަމަހުގެ އާބާދީ ދަށަށްނުދާނޭ ފަދަ މަސްވެރިކަމުގެ ހަމަތަކެއް ކަނޑައެޅުމަށް ބާރު ލިއްބައިދޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެ އެވެ.

ދެކުނު ކޮރެއާއާ ދިވެހިރާއްޖެއިން ގުޅިގެން އައިއޯޓީސީއިން މިހާރު އަމަލުކުރަމުންދާ ކްލައިމެޓް ޗޭންޖާއި ބެހޭ ޤަރާރަށް އިތުރު އިސްލާހެއް ގެނެސް އެގަރާރު އިތުރަށް ވަރުގަދަ ކުރުމަށް ހުށަހެޅި ޕްރޮޕޯސަލްވެސް އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ މަސްވެރިކަމަށް ކޮށްފާނެ އަސަރުތަކަށް ދެނެގަތުމަށް އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ކޮންމެ އަހަރެއްގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާކުރެވިގެން ދާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އަބާދީއަށް ކޮށްފާނެ އަސަރުތަށް ދެނެގަތުމަށް ދިރާސާކުރުމަށް އިތުރަށް ބާރުއެޅިގެން ދިއުމަކީވެސް މިޕްރޮޕޯސަލް ހުށަހެޅުމުގެ މަގްސަދެކެވެ.

އިންޑިއާ ކަނޑުގެ މިޔަރުގެ އަބާދީ މެނޭޖްކޮށް ބެލެހެއްޓުމަށް ދިވެހިރާއްޖެއާއި ޕާކިސްތާންއާ ގުޅިގެން ހުށަހެޅި ހުށަހެޅުން މިއަހަރުގެ ބައްދަލުވުމުގައި ހުރިހާ މެންބަރު ގައުމުތަކުގެ އެއްބަސްވުން ލިބިފައިނުވާތީ ފާސްވެފައެއް ނުވެ އެވެ. މި ހުށަހެޅުމުގެ ބޭނުމަކީ މަސްވެރިކަމުގައި ބޭނޭ މިޔަރުގެ އުރަހަ އެއްގަމަށްގެނެސް ކިރުވަންދެން އޭގެ ހަށިގަނޑުން ވަކިކުރުން މަނާކުރުމެވެ. މިހުށަހެޅުމުގެ ބޭނުމަކީ މިޔަރުގެ އުރަހަ ހަށިގަނޑުން ވަކިކޮށްފައި ހުންނަ އިރު އެމިޔަރުގެ ބާވަތް ދެނެގަތުމަށް އުދަގޫވުމާއި އެހެނިހެން ސަރަޙައްދީ ޖަމްއިއްޔާތަކުގައި މިޔަރު އާބާދީގެ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ މިހަމަޔަކީ ދުނިޔެ ގަބޫލުކުރާ އެންމެ ރަނގަޅު ޕްރެކްޓިސް ކަމަށްވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓާ ސަރަހައްދީ ޖަމުއިއްޔާ އެވެ. އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ އިތުރުން އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ގައުމުތަށް ހިމެނޭހެން 29 ގައުމަކުން މިޖަމުއިއްޔާގައި ބައިވެރިވެ އެވެ. ދިވެހިރާއްޖެއިން އައިއޯޓީސީގެ މެންބަރަކަށްވީ 2011 ގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!