ޖަމްއިއްޔާތަކަށް ފައިސާގެ އެހީ ދޭން ނިންމައިފި

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އާންމުކޮށް ޔޫތް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ، މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ މުޖުތަމައު ބާރުވެރިކުރުމަށް ހިންގާ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތަކަށް ކަމަށެވެ.
އަދި މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމަށް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
އިތުރަށް މިނިސްޓްރީއިން ބުނީ، އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމުއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަނި ކަމަށެވެ. އަދި އެހީއަށް އެދި ޕްރޮޕޯސަލް ޖުލައި މަހުގެ 4ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީއިން އެދިފައިވެއެވެ.
ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ، މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައި.ޑީ.ކާޑު ކޮޕީ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ރަށުތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫއު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ވެސް ހުށަހަޅަންޖެހޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.