އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ: ހުތުބާ
އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއު އަކީ “ދިރާސީ އައު އަހަރު (ތަޢުލީމު)” މިއެވެ.
ހުތުބާގައި ބުނީ ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށެވެ. ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ފާހަގަކޮށް ހުތުބާގައި ބުނީ ލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށެވެ.
“އިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތް الله ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ” ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދިނުމަށާއި އެކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށް ހުތުބާގައި ގޮވާލެއްވިއެވެ.