ޚަބަރު ސަރުކާރު

ރަސްމާލެއަކީ ހަމައެކަނި އުމްރާނީ މަޝްރޫއެއް ނޫން، އެއީ އީކޯ ސިޓީއެއް: ރައީސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު

މާލެ އަތޮޅުގައި ފަޅެއް ހިއްކައިގެން ތަރައްގީކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ރަސްމާލެ އަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫންކަމަށާއި އެއީ އިންޑިއާ ކަނޑުގައި ތަރައްގީކުރެވޭ ފުރަތަމަ އީކޯ ސިޓީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" އަށް ލިޔުއްވި އޮޕީނިއަންއެއްގައި ރައީސް ވަނީ ރަސްމާލެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ވިދާޅުވީ މާލެ އަކީ ނިއުޔޯކުގެ ސެންޓްރަލް ޕާކުގެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު ސައިޒެއްގެ ސިޓީއެއް ކަމަށާއި އެއީ ދުނިޔޭގައި އެންމެ ބޮޑަށް މީހުން އާބާދުވެފައިވާ އެއް ވެރިރަށް ކަމަށެވެ.

ޖާގަ ތަނަވަސް ކުރުމަށް ހުޅުމާލެ ހިއްކީ ކަނޑުގެ ލޮނުގަނޑުން ދެ މީޓަރު އުސްކޮށް ކަމަށާއި ހުޅުމާލެ ތަރައްގީ ކޮށްފައި ވަނީ ވެސް މޫސުމަށް އަންނަ އެފަދަ ބަދަލުތަކުން ރައްކާތެރިވެވޭނެ ގިނަ ސިފަތަކަކާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ރަސްމާލެ ތަރައްގީކުރަނީ ހަމަ މި މަގްސަދުގައި ކަމަށާއި އެތަން ހިއްކާނީ ކަނޑުގެ ލޮނުގަނޑަށްވުރެއް ތިން މީޓަރު އުސްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ހަގީގީ ކްލައިމެޓް އެޑެޕްޓޭޝަންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެތަނަކީ އިންޑިއާ ކަނޑުގެ ފުރަތަމަ އީކޯ ސިޓީ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެވޭ ގޮތަށް ރަސްމާލެ ފަދަ މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ނަމަވެސް ތިމާވެށީ ކަންކަމަށް ފައިނޭންސް ކުރާ ފަރާތްތަކާއި ބޭންކުތަކުގެ ނަޒަރުގައި އެއީ ހަމަ އުމްރާނީ ތަރައްގީ މަޝްރޫއުތަކެކެވެ. އެހެންވެ ބިލިއަން ޑޮލަރުން އެފަދަ މަޝްރޫއުތަކަށް ފައިސާ ހަމަނުޖެހޭ ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކުރިޔަށް އޮތް ތަނުގައި މޫސުމަށް އަންނާނެ ބަދަލުތަކާއި އެފަދަ ކަންކަމުން އަރައިގަތުމަށްޓަކައި ކުދި ގައުމުތަކުން ބަރޯސާ ވަނީ ބޭރުގެ ފަންޑިންއަށް ކަން ބައިނަލްއަގުވާމީ މުޖްތަމައުއިން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެފަދަ ކަންކަމަށް އެކަށީގެންވާ ފަންޑިން ލިބޭ ނަމަ ބްރިޖް ނުވަތަ ކޯޒްވޭ މެދުވެރިކޮށް ޖަޒީރާ ރަށްތައް ގުުވުމާއި އާބަނައިޒޭޝަން ފުޅާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށާއި އޭގެ ސަަބަބުން ތައުލީމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް ލިބޭނެ ގޮތް އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރަށް ތިބޭ މުޖްތަމައު އެއް ބިނާ ކުރަން އެހީވާނެ ކަމަށްވެސް ރައީސް ލިޔުއްވި އެވެ.

ރައީސް މުއިއްޒު ވަނީ މި އަހަރު އދ. އިން ބާއްވާ ކުދި ގައުމުތަކުގެ ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ރާއްޖެއިން ގޮވާލާނީ މަލްޓިޑައިމަންޝަނަލް ވަލްނަރެބިލިޓީ އިންޑެކްސް (އެމްވީއައި) އަކަށް އަމަލު ކުރަން ކަމަށް ވިދާޅުވެފަ އެވެ.

ކުދި ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ސަރުކާރުގެ ވަފުދަކާއިއެކު ރައީސް މުއިއްޒު މިހާރު ހުންނެވީ ބާބިއުޑާގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!