ޚަބަރު އިޖުތިމާޢީ

އޮންލައިން ސްކޭމްތަކުން ރައްކާތެރިވާން ބިދޭސީން އަހުލުވެރިކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ބިދޭސީއަކަށް މައުލޫމާތު ދެނީ - ފޮޓޯ: ޕޮލިސް

ދިވެހި މުޖުތަމައުގައި އާންމުވަމުންދާ އެކި ކުށްތަކުން ރައްކާތެރިކުރުވުމަށް ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ތ. ވޭމަންޑޫގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

Ads by MWSC

ފުލުހުން ބުނީ، ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، ރަށުގައި ބިދޭސީން އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އޮންލައިންކޮށް ކުރާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭންޖެހޭ ކަންކަން ފުލުހުން ބުނެދީފައިވެއެވެ.

ފުލުހުން ބުނީ،  ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ފޯނާއި އަގުބޮޑެތި އެހެނިހެން ތަކެއްޗާމެދު އިތުރަށް ސަމާލުވުމަށް ވެސް ބިދޭސީންނަށް އިލްތިމާސް ކުރެވިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ވޮލެޓުގައި ބަހައްޓައިގެން ތަންތަނަށް ދިއުމުގެ ބަދަލުގައި ފައިސާ ރައްކާކޮށްފައި ބެހެއްޓުމަށާއި ދިރިއުޅޭ ތަން ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް އެމީހުންނަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި އިތުބާރުކުރެވޭ މީހަކަށް ނޫނީ ތިމާގެ އެއްވެސް މުދަލެއް ހަވާލުނުކުރުމަށް ވެސް ބުނެދީފައިވެއެވެ.

މީގެ އިތުރުން، ފައިސާގެ މުއާމަލާތެއް ކުރުމަށް އެއްވެސް މީހަކު ބުނެފިނަމަ އެކަމުގެ ސައްހަކަން ބަލާފައި ނޫނީ އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވެސް ބުނެދީފައިވެއެވެ. އަދި އެއްވެސް މީހެއްގެ ފަރާތުން މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވީއެންމެ އަވަހަކަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި ރައްކާތެރިކަމުގެ މައުލޫމާތު ބިދޭސީންގެ ބަހުން ލިޔެފައިވާ ކަރުދާސް ބަހައި ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ގުޅާނެ ނަންބަރުތައް ހިއްސާކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!