މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވަނީ އަބްދުއްރަހީމާއި ނާޒިލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله އާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވާދަކުރަން ނިންމައިފި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގައި އަބްދުއްރަހީމްގެ ނަންފުޅު ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އަބްދުއްރަހީމްގެ ނަންފުޅަށް ދެ މެންބަރަކު ތާއީދު ކުރެއްވި އެވެ.
އެމްޑީޕީގެ ފަރާތުން ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. އޭނާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ތާއީދުކުރެއްވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހަޅުއްވާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަން ވަނީ ހުށަހަޅައިފަ އެވެ.
މި މަޖިލިހުގައި ސުޕަމެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ. ޕީއެންސީގެ 76 މެމްބަރުން މިފަހަރު މަޖިލީހުގައި ތިއްބަވާނެ އެވެ. އެއީ އެ ޕާޓީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުންނާ އަލަށް އެޕާޓީއާ ގުޅުނު 10 މެމްބަރުން ހިމެނޭހެންނެވެ.
ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ ކޮންމެ ޕާޓީއަކުން އަދި އަމިއްލަ ގޮތުން މެންބަރެކެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެންޑޯޒް ކުރައްވައިފަ އެވެ.
އެގޮތަށް ސަރުކާރު ހިންގާ ކޯލިޝަނުން ވެސް ނިންމާފައިވާއިރު, މެންބަރުންގެ އަދަދަށް ބަލައި ކާމިޔާބު ކުރެވޭނެ އެވެ. ރައީސާއި ނައިބު ރައީސް ހޮވާނީ ވަކިވަކިން އަހާ ސިއްރު ވޯޓަކުންނެވެ.