80 މެމްބަރުންގެ ވޯޓާއިއެކު މަޖިލިސް ނައިބު ރައީސްކަމަށް ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ 80 މެމްބަރުންގެ ވޯޓާއިއެކު، 20 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުވެއްޖެ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާއަށް ނައިބު ރައީސްކަމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ ނާޒިމްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ.
92 މެމްބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ސިއްރު ވޯޓުގައި ނާޒިމް ނައިބު ރައީސްކަމަށް އިންތިހާބުކުރަން ވޯޓު ދެއްވީ 80 މެމްބަރުންނެވެ. އަދި އަހުމަދު ދީދީ އިންތިހާބުކުރަން ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
މިއަދު ކުރިއަށްދިޔަ ވޯޓުގައި މަޖިލިސް ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
މަޖިލީހުގެ ރައީސް އިންތިހާބު ކުރުމުގެ ވޯޓުލުންވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިމަގާމަށް އިންތިހާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާއަށް 71 ވޯޓު ލިބުނުއިރު ދެން ވާދަ ކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ނާޒިލްއަށް ލިބުނީ 14 ވޯޓެވެ.
މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމުވެސް ހޯދާފައި މިވަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ޕިއެންސީއަށް ނިސްބަތްވާ 76 މެމްބަރުންނެވެ. އަދި އެމްޑީޕީގެ 12 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން އަދި ޖޭޕީ، އެމްއެންޕީން ކޮންމެ ޕާޓީއަކުން އެއް މެމްބަރެވެ. މީގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މިނިވަން އެއް ކެނޑިޑޭޓަކުވެސް މަޖިލީހުގައި އިންނަވާނެ އެވެ.