މަގާމާ ހަވާލުވީއިރު ކުންފުނީގެ ދަރަނި އޮތީ 261 މިލިއަން ރުފިޔާގައި: ޒީނާ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ހަވާލުވީ އިރު، 261 މިލިއަން ރުފިޔާއިން އެ ކުންފުނި ދަރަނިވެރިވެފައިވާ ކަމަށް ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ، އެ އަދަދަކީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދުތައް ނުހިމަނާ ކަމަށެވެ.
"އެންމެ ދުވަހެއް ވެސް ނުދޭ ކޮންމެވެސް އިންވޮއިސްއެއްގެ ކަންތައްތަކުގައި މީހުން ސުވާލު ނުކުރާ،" ދަރަނީގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޒީނާ ވިދާޅުވިއެވެ.
ކުންފުނީގެ ދަރަނީގެ ތަފްސީލްތައް ވެސް އޭނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އަމިއްލަ ކުންފުނިތަކަށާއި، އަމިއްލަ ފަރާތްތަކަށް 26 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހިފައިވާ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ. އަދި ބޭރުގެ އެކި ކުންފުނިތަކަށް 24 މިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އަދި 87 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ނަގާފައިވާ ކަމަށާއި، އެ ލޯނުތަކަށް އިންޓަރެސްޓް ވެސް އަރަމުންދާކަން ޒީނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިދަނީ ސަރުކާރާ މަޝްވަރާ ކޮށްގެން، ސަރުކާރުގެ އެހީތެރިކަމާއެކު މި ދަރަންޏަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން،" ޒީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދަރަންޏަށް ނުވަ މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓް ކޭސްތަކާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާއާއި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.
ޒީނާ ވިދާޅުވީ، ދަރަންޏަށް ފައިސާ ދެއްކުމުގައި، އެ ކުންފުނީގެ ހިދުމަތްތަކަށް ބުރޫ ނާރާގޮތަކަށް ފައިސާ ދެއްކުމަށް އިސްކަން ދީގެން ބަލަމުން އަންނަ ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ޒީނާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.