ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފި އެވެ.
މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައި ވާއިރު އެމަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި އެޤައުމުތަކުގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރެއްވި އެވެ.
އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ޙައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި އަލިއަޅުވާލެއްވި އެވެ.