ރިޕޯޓް ސިޔާސީ

ހައްލު ލިބޭނީ އެންމެން އެއް މޭޒަކަށް އައިސް ގާނޫނަށް އެއްބަސްވެގެން: މޭޔަރު

  • ސިޓީ ކައުންސިލްގެ ބާރުތައް އަދިވެސް ހުރީ ހިފެހެއްޓިފައި
  • ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރެއަށް މި ސަރަހައްދު ލެވެންޖެހޭ
  • ރައީސް މުއިއްޒުއަށް ސިސްޓަމް އެނގިވަޑައިގަންނަވާނެ، އުއްމީދު ބޮޑު
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެން އޮންލައިންއަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާއިއެކު މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވި އެވެ. ބައި އިލެކްޝަނެއް ބާއްވައި މިމަގާމަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ކުރިމަތިލެއްވި އާދަމް އާޒިމް އެވެ. އާޒިމްގެ މޭޔަރުކަމަށް ހަތަރު މަހެއްހާ ދުވަސް ވެގެން ދިޔައިރު ސިޓީ ކައުންސިލުން ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ފަށައިފަ އެވެ.

Ads by Sosun Fihaara

"ދެން އޮންލައިން" އާއެކު އިށީންދެވަޑައިގެން މޭޔަރު މިފަހަރު ހިއްސާކުރެއްވީ މަޝްރޫއުތަކާއި ގުޅުންހުރި ވާހަކަތަކެއް ނޫނެވެ. ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކާއި، އެމައްސަލަތައް ހައްލު ކުރުމުގެ ވާހަކަ އެވެ. ލާމަރުކަޒީ ނިޒާމުގެ ވާހަކައާއި ސަރުކާރާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ ވާހަކަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ސިޓީގެ މޭޔަރަކަށް ހުންނެވީ އެމްޑީޕީ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ވަކި ހިސާބަކުން މޭޔަރުކަން ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ވަޑައިގެން މިހާރުގެ ރައީސް ޑރ. މުއިއްޒު އެވެ. މިއިން ކޮންމެ ފަހަރަކުވެސް ސިޓީ ކައުންސިލަށް މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. އާޒިމްގެ ދައުރު ނިމެން ދެ އެހަރެއްހާ ދުވަސް އޮތްއިރު މިހާރުވެސް ސިޔާސީ ފިކުރުގެ ތަފާތުތަކެއް ކައުންސިލާއި ސަރުކާރާއި ދެމެދު އެބަ އޮތެވެ.

މާލޭގެ އިޖުތިމާއީ ހާލަތު ދަށް، އެކަމަކު އުއްމީދު ކަނޑައެއް ނުލަން

މާލެ ސިޓީ އަކީ ތޮއްޖެހި، ޖާގަ ކުޑަވުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ތަނެކެވެ. ޖާގައިގެ ދަތިކަން ހައްލުނުވުމުގެ ސަބަބުން މިތަނުގައި ރައްޔިތުން އުޅެން ޖެހިފައި މިވަނީ ކުދި ކުދި ކޮށިތަކުގައި ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ދުއްވާ އެއްގަމު އުޅަނދު ޕާކު ކުރާނެ ޖާގަ ނެތުމާއި، މަރުވާ މީހުން ވަޅުލާނެ ޖާގަ ނެތުންފަދަ އެތައް އިޖުތިމާއީ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ. މިމައްސަލަތައް ހައްލުވާނެކަމަށް ކުރެވުނު އުއްމީދު ރައްޔިތުން ވަނީ ދޫކޮށްލަން ފަށައިފަ އެވެ. އެހެންނަމަވެސް މޭޔަރު ވިދާޅުވީ މާލެއަކީ ދިރިއުޅުމަށް ހިތް ފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ އުއްމީދު އަދިވެސް ދޫނުކޮށްލާ ކަމަށެވެ.

"އަޅުގަނޑަށް މުރި ރާއްޖެ، މުޅި މާލެ ސިފަވަނީ ކުޅޭ ކުޅޭ ތަނެއްގެ ގޮތުގަ. އެމީހަކު ބޭނުން ކަމެއް ބޭނުން ގަޑިއެއްގަ ކުރެވޭ ތަނެއްގެ ގޮތުގަ މިތަން ސިފަވެގެން މިދަނީ. އެމީހަކު ބޭނުމިއްޔާ ކޮންމެކަމެއްވެސް ހަމަ ކުރަންވީ. ގައުމެއްގެ ސިފައިގަ ގައުމު އޮންނަން ބޭނުމިއްޔާ ގައުމުގަ ހުރި އުސޫލުތަކާ ހަމަތައް އަޅުގަނޑުމެން އެބަ ޖެހޭ ދަމަހައްޓާ ނަގަހައްޓަން" މޭޔަރު ވިދާޅުވި އެވެ.

މާލެގައި ހަމައެއް، އުސޫލެއް ނެތި ކުރާ ބައެއް ކަންކަމަށް އާޒިމް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން އަގުބޮޑުކޮށް ގަރާޖު ސިޓީ ވިއްކާ މައްސަލައާއި، ގަވާއިދާއި ހިލާފަށް ބިދޭސީން އުޅޭ މައްސަލައާއި މިނޫންވެސް ކުށް ކުރާކަން ފާހަގަކުރެއްވި އެވެ. މިކަންކަމަކީ ގާނޫނުތައް ތަންފީޒު ކުރެވިގެން ނޫނީ ހައްލު ނުވާނެ ކަންކަން ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންނަމަވެސް ފެނިގެން ދަނީ ކުށްކުރާ ބިދޭސީ މީހާވެސް ފުލުހުންނާއި ސިފައިން ކުރިމަތީގައިވެސް ބޭނުން ގޮތަކަށް އުޅޭ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން މަގާމަކަށް އިންތިހާބު ކުރުމުން ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން އާޒިމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މައްސަލަތައް ހައްލު ނުވެ ދިގުލައި ދިޔުމުން ރައްޔިތުން އުއްމީދު ކަނޑައިލިނަމަވެސް އޭނާ އަދިވެސް އުއްމީދު ކުރައްވަނީ މިމައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމުގައި ކަމަށެވެ.

 

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެން އޮންލައިންއަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން

 

މަސްއޫލިއްޔަތުތައް މަސްހުނިވުމުގެ ކަންބޮޑުވުން

މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ އޮތެއް ކަމަކު ސިޓީ ކައުންސިލަށް ބާރުތައް ނުލިބުމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. މިސާލަކަށް ހުޅުމާލޭގެ މަގުތަކާއި، ބަނދަރު ފަދަ ތަންތަނުގެ ބާރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ އެޗްޑީސީއަށް ދީފަ އެވެ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިތަންތަނުގެ ބާރު އޮންނަން ޖެހޭނީ ސިޓީ ކައުންސިލްގަ އެވެ. މާލޭގެ އިންޑަސްޓްރިއަލް ޒޯން އަލުން ބޭނުމަށް ގެންނަން ކުރަންޖެހޭ މަސައްކަތަށް ބަލާއިރުވެސް އެތަނަކީ ހައުސިންގް މިނިސްޓްރީގެ އިހުތިޞާސްގެ ތެރޭގައިވެސް އޮތް ތަނެކެވެ.

މޭޔަރު ވިދާޅުވީ މިގޮތަށް އެކި މުއައްސަސާތަކަށް އެއް މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައި އޮތުމުން ޒިންމާ ނަގާނެ ބަޔަކު ނުވާ ކަމަށެވެ. ކަމެއް ނުވުމުން އެއް މުއައްސަސާއިން މަތިކުރަނީ އަނެއް މުއައްސަސާ އެވެ.

"ސިޓީއެއްގެ ތެރޭގައި އެއްކަމެއް ދެފަރާތަކަށް ނުކުރެވޭނެ. އެހެން ކުރީމަ ޒިންމާ ނަގާނެ މީހަކު ނުވޭ. އެންމެންގެ ޒިންމާއަކީ އެކެއްގެވެސް ޒިންމާއަކަށް ނުވާގޮތަށް ވެގެން ދާނީ"

މާލޭގެ އިންޑަސްޓްރިއަލް ޒޯން ސާފުކޮށް އެތަން ތަރައްގީ ކުރުމުގެ ޕްލޭނެއް މާލެ ސިޓީ ކައުންސިލުން ގެންގުޅޭކަން މީގެ ކުރިން އެތަނުން ހާމަ ކުރި އެވެ. ދާދި ފަހުން އެތަން ސާފުކުރިއިރު ފެނިގެން ދިޔައީ ހައުސިންގް މިނިސްޓްރީއާއި، އެމްޕީއެލް އަދި ވެމްކޯ ގުޅިގެން މަސައްކަތް ކުރި މަންޒަރެވެ. ސިޓީ ކައުންސިލުން މިކަމުގައި ބައިވެރިވި ނަމަވެސް ސަރުކާރުން ބުނަނީ އެއީ ހައުސިންގް މިނިސްޓްރީގެ އިސްނެންގެވުމެއް ކަމަށެވެ.

ހަމައެގޮތަށް އެމްޕީއެލްގެ މުދާ އުފުލާ ސަރަހައްދުވެސް ސާފުކުރުމުގެ ކަންކަން ހަވާލުކުރަން ސިޓީ ކައުންސިލުން އެދިފައިވީނަމަވެސް އެމަސައްކަތްވެސް އެމްޕީއެލްއިން ކުރަން ސަރުކާރުން ނިންމިކަން އާޒިމް ފާހަގަކުރެއްވި އެވެ. މޭޔަރު ވިދާޅުވީ މިއަދު ސިޓި ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ހުރިހާ މުއައްސަސާއާވެސް ގުޅިގެން އެއްވެސް މައްސަލައެއް ނުނިކުންނާނެ ގޮތަކަށް ކަމަށެވެ. މިހެޔޮ ހިތް ހުރިހާ މުއައްސަސާއެއްގެވެސް އޮންނަންވާނެ ކަމަށާއި ތަނެއް ތަރައްގީ ކުރެވޭނީ އޭރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

 

ހައްލަކީ ވެރިން ރައްޔިތުންނަށް ތެދުވެރިވުން

މައްސަލައެއް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު ސިޔާސީ ގޮތުން މެޑަލް ޖެހުމުގެ ބައި އެބަ އޮވެ އެވެ. މިސާލަކަށް އިންޑަސްޓްރިއަލް ޒޯން ތަރައްގީ ކުރުމަށް އެތަން ސާފު ކުރިއިރު ސިޓީ ކައުންސިލުން އޭގެ މައުލޫމާތު އާންމު ކުރުމުން އެއީ ސީދާ ސަރުކާރުގެ އިސްނެންގެވުމެއްކަމަށް ބުނެ ބައެއް ޑެޕިއުޓީ މިނިސްޓަރު ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި އެވެ. މީގެ ކުރިންވެސް މިގޮތަށް ކަންކަން ވުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި މައްސަލަތައްވެސް ނިކުމެފައި އެބަ ހުއްޓެވެ.

މޭޔަރު ވިދާޅުވީ މިމައްސަލައިގެ ހައްލަކީ ރައްޔިތުންނަށް ތެދުވެރިވުން ކަމަށެވެ. އޭގެ މާނައަކީ ހެދިފައި ހުރި ގާނޫނުތަކަށް ހުރިހާ އެންމެންވެސް ބޯލެނބުމެވެ. އާޒިމް ވިދާޅުވީ އުސްފަސްގަނޑާއި، އިންޑަސްޓްރިއަލް ޒޯން ފަދަ ތަންތަނަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި ހުރި ތަންތަންކަން ގާނޫނުގައި ބަޔާން ކޮށްފައި އޮތްއިރު އެކަން ސަރުކާރުގެ މުއައްސަސާތަކުންވެސް ބަލައިގަންނަން ޖެހޭކަމަށެވެ. ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ ޝަކުވާ އޮތްއިރު މިކަން ހައްލު ކުރެވޭނީ ގާނޫނާއި އެއްގޮތަށް އެ ހިދުމަތް ދޭން ސިޓީ ކައުންސިލާއި ހަވާލުކޮށްގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރައީސް މުއިއްޒު ވެރިކަމަށް އައުމާއި ވިދިގެން އަޅުގަނޑުމެންނާއެކު އެމްއޯޔޫއެއްގަ ސޮއި ކުރެވުނު. އެކަމަކު އެޗްޑީސީން އެއޮތީ އެމްއޯޔޫ އަދިވެސް ބާއްވާފަ. ގާނޫނު އަސާސީއާ ހިލާފަށް އެމީހުންނަށް އެ އުޅެވެނީ"

 

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެން އޮންލައިންއަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން

 

ރައީސް މުއިއްޒަކީ ސިސްޓަމް ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅެއް

ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފު ކުރެވިގެން އައިއިރު ރާއްޖެ އޮތީ ތައްޔާރަށެއް ނޫނެވެ. ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ވެރިންނަށްވެސް މިނިޒާމު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުއްޓެވެ. ވޭތުވެދިޔަ އަހަރުތަކުގައި ނިޒާމު ހަރުދަނާކުރަން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދިވެސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

މޭޔަރު އާޒިމް ވިދާޅުވީ މިއަދު ވެރިޔަކަށް ހުންނެވި ރައީސް ޑރ. މުއިއްޒު އަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން މިނިޒާމު އޮންނަންޖެހޭ ގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ ލާމަރުކަޒީ ގާނޫނުގެ ގޮންޖެހުންތައް. އަޅުގަނޑު ދެކޭ ގޮތުގަ މިފަހަރު ކައުންސިލްތައް ހިންގުން ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް މިއޮތީ ދެވިފަ. މި ސިސްޓަމްގަ މަސައްކަތް ކުރައްވާފަ ހުރި ބޭފުޅެއް މިއަދު ރައީސުލްޖުމްހޫރިއްޔާކަމަށް އައްޔަން ކޮށްފަ އެހުރީ. އެހެންމަ ވަރަށް ބޮޑު ފަސޭހައެއް އަންނަންޖެހޭނެ މިފަހަރު ހަގީގަތުގަ." އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ދަތިތައް އެނގިވަޑައިނުގަންނަވާތީވެ މިފަހަރު ހައްލު ނުވެ ނުދާނެ ކަމަށާއި މިފަހަރު ހައްލު ނުވާނަމަ އެއީ އެކަން ކޮށްދެއްވަން ސަރުކާރުން ބޭނުން ނުވާތީ ކަމަށެވެ.

އާޒިމް ވިދާޅުވީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް ލިބެންޖެހޭ ބާރުތައް ކަށަވަރުވެގެން ދާނެކަމަށް ކުރެވޭ އުއްމީދު ބޮޑެވެ. އަދި މިކަންކަން ކަށަވަރު ވުމުން ކުރިއަށް އޮތް ތަނުގައި މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސިޓީ ކައުންސިލުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ގެދޮރުވެރިކަމުގެ މައްސަލައާއި، ޕާކިން މައްސަލައާއި، މަގުތައް ހެދުމުގެ މައްސަލައިގެ އިތުރުންވެސް އެހެނިގެން މައްސަލަތަކަށް އެޑްރެސް ކުރުމަށް ސިޓީ ކައުންސިލުން ޕްލޭންތަކެއް ގެންގުޅޭކަން އާޒިމް ފާހަގަކުރެއްވި އެވެ. އަދި މިޕްލޭންތައް ކުރިއަށް ގެންދެވޭނީ ސަރުކާރު މުއައްސަސާތަކުން އެއްބާރުލުން ލިބިގެން ކަަމަށާއި ގުޅިގެން މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

Ads by Ooredoo
  1. އަބްދޫ

    2008 ނިމެންދެންވެސް ގައުމުގެ ކަންކަން ދިޔައީ ގާނޫނި އިމުގެ ތެރޭން.2008 ގަ އައި އެމްޑީޕީ ވެރިކަމުގަ ވަނީ ސަޕޯޓް ހޯދުމަށް އެމީހަކު އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްފަ.ރަނގަލހުކުރަން ބަޔަކު އުޅެފިނަމަ އެބަޔަކާ ދެކޮޅަށް ރައްޔިތުން ނެރެން މަސައްކަތް ކޮށްފަ.