ޚަބަރު އެޑްވަޓޯރިއަލް ވިޔަފާރި ދީން

ހައްޖު އަޅުކަމަށް ފުރާ މީހުނަށް ސައުދީގައި ބޭނުންކުރެވޭ އުރީދޫ ސިމް ތައާރަފުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމެއް ތައާރަފުކޮށްފިއެވެ.

Ads by STELCO

މިއީ ހައްޖާއި އުމްރާއަށް ސައުދީ އަބަރިއްޔާއަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާ މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ތައާރަފުކުރެވުނު ސިމެއް ކަމަށް އުރީދޫން ބުންޏެވެ.

ހައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރެ އެވެ.

ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ސައުދީން ހޯދުމަށް ފަސޭހަ ވުމެވެ.

މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99 ރ އެވެ. ސިމުގެ އަގަކީ 1،000 ރ. އެވެ.

އުރީދޫގެ ހަރުދަނާ ރޯމިން ކަވަރޭޖާ އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތް ކުރުމުގެ ފަސޭހަ ލިބިގެންދާނެ އެވެ. ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ އެވެ.

ސިމް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫގެ މަސައްކަތުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ މީހުނަށް މުވާސަލާތު ކުރުން ފަސޭހަކޮށްދިނުމަށް އުރީދޫން ޓެކްނޮލޮޖީގެ ބޭނުން ހިފި ގޮތަކީ މިސާލެއް ކަމަށެވެ.

"އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ސައޫދީ ޕާސްޕޯޓަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދީ، ކަނެކްޓިވިޓީގެ މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތި ހައްޖުގެ އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ރޯމިން ސިމެއް ކަމަށެވެ.

"އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާފަދަ ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް،" ސީއީއޯ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!