ކްރޫޒް ޕާޓީގެ އެއްވެސް ފޮޓޯއެއް ޕޯސްޓު ކުރުން އަމްބާނީ އާއިލާއިން މަނާކޮށްފި
އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓުގެ ކައިވެނީގެ ކުރިން ބޭއްވި ދެވަނަ ހަފްލާގެ އެއްވެސް އާއިލީ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުން މެހެމާނުންނަށް މަނާކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އޭޝިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅުގެ ކައިވެނީގެ ތައްޔާރީތައް ބާރަށް ކުރިއަށް ދާއިރު ކައިވެނީގެ ކުރިން ބޭއްވި ފަހު ހަފްލާ ބާއްވާފައިވަނީ ޔޫރަޕުން ދަތުރުކުރި ލަގްޝަރީ ކްރޫޒް އެއްގަ އެވެ. ތިން ދުވަހަށް ކުރިއަށް ދިޔަ އެ ހަރަކާތްތައް ނިންމައިލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
މިދިޔަ މެއި މާޗު މަހު ޖަމްނާގަރުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވިއިރު އެ ހަރަކާތްތަކަށް ހާޒިރުވި ބޮލީވުޑް ތަރިންވެސް ވަނީ އެމީހުންގެ ސޯޝަލް މީޑިއާގައި ފޮޓޯތައް ޕޯސްޓުކޮށްފަ އެވެ. އެހެންނަމަވެސް މިފަހަރުގެ ހަރަކާތްތަކުގެ ފޮޓޯތައް ޕޯސްޓު ކުރުން ވަނީ މަނާކޮށްފި އެވެ.
އިންޑިއާ ނޫސްތަކުން ބުނާ ގޮތުގައި ފޮޓޯ ޕޯސްޓު ކުރުން މަނާކުރީ ސެކިއުރިޓީ ސަބަބުތަކަށްޓަކަ އެވެ. އަދި ހަރަކާތްތަކުގެ ރީތި ފޮޓޯތައް އާއިލާއިން ރަސްމީކޮށް ޕޯސްޓު ކުރަންދެން އެހެން އެއްވެސް ފަރާތަކުން އެ ފޮޓޯތައް އާންމު ނުކުރުމުގެ ބޭނުމުގަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކްރޫޒް ޕާޓީގައި ހޮލީވުޑް ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ ހާއްސަ ހުށަހެޅުންތަކެއް ކުރިއަށް ދިޔަ އެވެ. މީގެ އިތުރުންވެސް ބައެއް އިންޓަނޭޝަނަލް ތަރިންގެ ހަރަކާތްތައް ކުރިއަށް ދިޔަކަމަށް ވެއެވެ.
މިހާތަނަށް ސޯޝަލް މީޑިއާގައި އާންމުވީ ކްރޫޒް ޕާޓީގެ އެންމެ ވީޑިއޯ އެކެވެ. އެވީޑިއޯގައި ފެންނަނީ ބޮލީވުޑް ތަރި ރަންވީރް ސިންގް ނަށާ މަންޒަރެވެ. އިތުރު ބައެއް ފޮޓޯތައް އޯރީއާއި، އަނަންނިޔަ ޕާންޑޭގެ އިތުރުން ސާރާ އަލީ ހާން ވަނީ އެމީހުންގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ފޮޓޯތަކުގައިވެސް އާއިލާގެ އެއްވެސް މެމްބަރަކު އަރާފައި ނުވެ އެވެ.
ކްރޫޒް ޕާޓީގައި ބައިވެރިވި ބޮލީވުޑް ތަރިންގެ ތެރޭގައި އޯރީ، އަނަންނިޔަ، ސާރާގެ އިތުރުން ރަންވީރް ސިންގް، ރަންބީރް ކަޕޫރު، އާލިއާ ބަޓް، ޖާންވީ ކަޕޫރު، ސަލްމާން ހާން ފަދަ ތަރިން ހިމެނެ އެވެ.
އަނަންތުގެ ކައިވެނި އޮންނާނީ އަންނަ ޖުލައި މަހު އިންޑިއާގެ މުމްބާއީގަ އެވެ. އެމަހުގެ 12 އިން 14 އަށް ކުރިއަށްދާ ހަރަކާތްތައް ބާއްވާނީ މުކޭޝްގެ ކުންފުނި ޖިއޯ ވޯލްޑުގެ ކޮންވެންޝަން ސެންޓަރުގައި ކަމަށް ބުނެވެ އެވެ.