ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިލު ބޭރުކުރިޔަސް އެންމެންނަށް ގޯތި ލިބޭނެ: ޕީއެންސީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕީއެންސީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާާހު ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބިންވެރިޔާ ޕްރޮގުރާމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު އެންމެންނަށް ގޯތި ދޫކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުން ބުނެފި އެވެ.

Ads by MWSC

ރައީސް ޞާލިހުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ބިލެއް ފާސްކުރި އެވެ. އެ ބިލުގައި ވަނީ ރަޖިސްޓްރީ ދޫކޮށްފައިވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްކޮށްފަ އެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވިއިރު ގޯތި ދޫކުރި ބައެއް ސަރަހައްދުތައް އޮތީ ނުވެސް ހިއްކަ އެވެ.

ބިމާ ބެހޭ ގާނޫނަށް 19 ވަނަ މަޖިލީހުން ގެނައި އިސްލާހު ފާސްކޮށް ތަސްދީގު ކުރަން ރައީސަށް ފޮނުވިނަމަވެސް އެބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ވަނީ ފޮނުވާލައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލު ބޭރުކޮށްލައިފަ އެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވުމަށް ޕީއެންސީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ބިލު ބޭރުކުރިޔަސް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދު ރައީސް މުއިއްޒު ފުއްދަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ގޯތި ލިބުނު އެންމެންނަށްވެސް އެތަންތަން ހަވާލުކުރާނެ ކަަމަށް ފަލާހު ވިދާޅުވި އެވެ.

"ގިނަ އަދަދެއްގެ ގޯތި ދީފައި ހުރި ބޭފުޅުންނަށް ގޯތި ދީފައި ހުރީ އަދި ނުހިއްކާ ބިންތަކުން، އޭގެ މާނައަކީ އެ ރަޖިސްޓްރީއަކީ މިހާރު ބިމާ ބެހޭ ގާނޫނަށް ބަލައިފި ކަމަށް ވަންޏާ ފުށުއަރާ އެކަމާއި ދޭތެރޭގައި ގާނޫނީގޮތުން މައްސަލަތައް ހުރި ކަންކަމަށް އެބަވޭ" ބިމާ ބެހޭ ގާނޫނަށް ގެންނަން ފެންނަ އިސްލާހު ބޭރުކުރި ސަބަބާއި ގުޅޭގޮތުން ފަލާހު ވިދާޅުވި އެވެ.

ޕީއެންސީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފަލާހް ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށް ބިމުގެ ބިލްގެ ނަމުގައި މި ސަރުކާރުން އާ ބިލެއް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ބިލް މެދުވެރިކޮށް މިހާރު ގޯތި ލިބިފައި ހުރި ފަރާރްތަކަށް އަދި ފްލެޓްތަކާއި، ކޮންމެ ސަރުކާރަކުން ގޯތި ދިނަސް ރައްކާތެރިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ނިންމި ނިންމުމާއި ގުޅިގެން އެއްވެސް ރައްޔިތެއްގެ އަސާސީ ހައްގަކަށް ހުރަސް ނޭޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލަން މި ޖެެހެނީ މި އިސްލާހު އެންމެ ފަހު ވަގުތު 19 ވަނަ މަޖިލީހުން ހުށަހަޅައިގެން ފާސްކޮށްފައި އޮތްއިރު ތިން މަސް ތެރޭގައި ވަކި ރަޖިސްޓްރީ ތަކެއް ދޫކޮށްފައި އޮތް އޮތުން މިއީ އެންމެ ރަނގަޅު، ހެޔޮ ނިޔަތުގައި ކޮށްފައި އޮތް ކަމެއްތޯ ނޫންތޯ،" ހުސްނީ މުބާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީދާ ވަކި ކަމަކަށް ޓާގެޓު ކޮންގެން ފާސްކޮށްފައި އޮތް ބިލަކަށް ވާތީ އޭގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ހުށަހަޅާ ބިލުން ބޯހިޔާވަހިކަމުގެ މިފަދަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!