ކަންގަނާ މޫނުމަތީގައި ޖެހި ސެކިއުރިޓީ އޮފިސަރު ވަޒީފާއިން ވަކިކޮށްފި
ކަންގަނާ އެއާޕޯޓުގައި ހިނގާފައި ދަނިކޮށް އޭނާގެ މޫނުމަތީގައި ޖެހި އެއާޕޯޓު ސެކިއުރިޓީ އޮފިސަރު ވަޒީފާއިން ވަކިކޮށްފި އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދާދި ފަހުން އިންތިހާބުވި ކަންގަނާ އަށް ސެކިއުރިޓީ އޮފިސަރު ހަމަލާ ދިނީ މީގެ އަހަރެއްހާ ދުވަސް ކުރިން ދަނޑުވެރިންގެ މުޒާހަރާއަށް ތާއީދުކޮށް އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެންކަމަށް ކަންގަނާ ބުނެ އެވެ.
ކަންގަނާ ބުނާ ގޮތުގައި އޭނާ އެއާޕޯޓުން ހިނގާފައި ދަމުން ގޮސް ސެކިއުރިޓީ އޮފިސަރާ އަރާ ހަމަވުމުން އެނބުރި މޫނުމަތީގައި ޖެހި އެވެ. އަދި ޖެހީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ އެނބުރި ފޯނު ކަންފަތުގައި ޖެހިކަމަށްވެސް ކަންގަނާ ބުންޏެވެ. މިވާހަކަތައް އޭނާ ކިޔައިދިނީ މިހާދިސާ ހިނގި ފަހުން އެއާޕޯޓުގައި ހުރެ އޭނާ ނެގި ވީޑިއޯއެއްގަ އެވެ.
ކަންގަނާ މޫނުމަތީގައި ޖެހި އަންހެން ސެކިއުރިޓީ އޮފިސަރު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ ގިނަ މީހުން ވަނީ ކަންގަނާއަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ.
ބެލެވޭ ގޮތުގައި މި ސެކިއުރިޓީ އޮފިސަރުގެ މައްސަލަ އިތުރަށް ބަލައި އަދަބު ދޭނެ އެވެ. އެއީ މިމައްސަލައަކީ އެއާޕޯޓުގައި ހިނގި ކަމަކަށް ވެފައި އެތަނުގެ ގަވާއިދު ބޮޑުވާނެތީ އެވެ.
ކަންގަނާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ ޓިކެޓުގައި ވާދަކޮށެވެ. ބީޖޭޕީން މިފަހަރު އިންޑިއާގެ ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިންނެވެ.