ކަންގަނާގެ މޫނުމަތީގައި ޖެހުން ކުށްވެރިކުރީ އޭނާ އެންމެ ރުޅި އަންނަ ދެ ތަރިން
ބަތަލާ ކަންގަނާ ރަނައުތު އަކީ ވަރަށް ކުރީއްސުރެއްވެސް އޭނާ ދައްކާ ވާހަކަތަކުގެ ސަބަބުން ހޫނުފެނަށް ވެއްޓޭ ތަރި އެކެވެ. އެކި ކަންކަމުގައި އޭނާ ހިޔާލުފާޅުކޮށް އުޅެނީ އެއްވެސް މީހަކަށް ބެލުމެއް ނެތި އެވެ.
ދާދި ފަހުން އެއާޕޯޓު ސެކިއުރިޓީ އޮފިސަރަކު ކަންގަނާގެ މޫނުމަތީގައި ޖަހާފައިވާއިރު މި ހާދިސާއާއި ގުޅިގެންވެސް ކަންގަނާ މިވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ. އޭނާ ބުނީ މިކަމާ ބޮލީވުޑްގެ އެއްވެސް މީހަކު އެއްޗެއް ބުނެފައި ނުވަނީ އޭނާއަކީ މަޝްހޫރު ތަރިއެއްގެ އާއިލާއަށް ނިސްބަތްވާ މީހަކަށް ނުވާތީ ކަމަށެވެ. އަދި ބާރުގަދަ ޕްރޮޑުއުސަރެއް އޭނާގެ ފަހަތުގައި ނެތުމުން ކަމަށެވެ.
ކަންގަނާގެ މި ވާހަކަތަކާއި ގުޅިގެން އެއްވެސް ތަރިއަކު މިހާތަނަށް ވާހަކަ ދައްކައިފައެއް ނުވެ އެވެ. އެހެންނަމަވެސް އިންޑިއާގެ ނޫސްވެރިޔާ ފާއެ ޑިސޫޒާ ނެރެފައިވާ ސްޓޭޓްމެންޓު ބައެއް ތަރިން ވަނީ ލައިކުކޮށް ޝެއާ ކޮށްފަ އެވެ. ފާއެ ބުނީ މީހެއްގެ ސިޔާސީ ފިކުރާއި ގުޅިގެންވިޔަސް ނުވަތަ އެނޫންވެސް ހިޔާލު ތަފާތުވުމެއްގެ ސަބަބުން މީހެއްގެ ގައިގައި ޖަހައިގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް އެއާޕޯޓުގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ ފަރާތްތަކުން މީހުންނަށް ހަމަލާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ.
މި ސްޓޭޓްމެންޓު އެންމެ ފުރަތަމަ ޝެއާ ކުރީ އެކި ފަހަރުމަތިން ކަންގަނާ ބަހުގެ ހަމަލާތަކެއް ދީފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާ ރިތިކު ރޯޝަން އާއި ނެޕޯ ކިޑްގެ ނަމުން އަބަދުވެސް މުހާތަބު ކުރާ އާލިއާ ބަޓް އެވެ.
ރިތިކާއި ކަންގަނާ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2020 ވަނަ އަހަރު މައްސަލަ ގޯސްވި އެވެ. 2021 ވަނަ އަހަރު ރިތިކު ވަނީ ކަންގަނާ އާއި ދެކޮޅަށް ފުލުސް އޮފީހުގައި މައްސަލައެއްވެސް ރިޕޯޓުކޮށްފަ އެވެ. އެކި ޕްލެޓްފޯމުތަކުގައި ކަންގަނާ އަކީ މޮޔައެއް ކަމަށް ރިތިކުގެ ބައްޕަވެސް ބުނެފައި ވެއެވެ. އަނެއްކޮޅުން ރިތިކްއަކީ އަމިއްލަ ފައިދާއަށް އުޅޭ ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރާ މީހެއް ކަމަށް ކަަންގަނާވެސް ބުނެފައި ވެއެވެ.
އާލިއާ އާއި ރަންބީރަކީ ކަންގަނާ އެންމެ ގިނައިން ބަހުގެ ހަމަލާތައް ދޭ ދެތަރިންނެވެ. ރަންބީރަކީ ފައިސާ ފަހަތުން އުޅޭ މީހެއް ކަމަށާއި އާލިއާ އާއި ކައިވެނި ކުރީ ލޯބިން ނޫން ކަމަށްވެސް ކަންގަނާ ބުންޏެވެ. އަދި އާލިއާގެ އެއްވެސް ހުނަރެއް ނެތް ކަމަށާއި ބޮލީވުޑްގައި އޭނާ ކުރިއަށް ދަނީ ބައްޕަ މަހޭޝް ބަޓް އާއި އެކުވެރިޔާ ކަރަން ޖޯހަރުގެ ނުފޫޒުގެ ބޭނުން ކޮށްގެންކަމަށް ކަންގަނާ ބުނެ އެވެ.
ކަންގަނާއަށް ދިން ހަމަލާ ކުށްވެރިކޮށް ސޯޝަލް މީޑީއާގައި އެންމެ ފުރަތަމަ ވާހަކަ ދައްކާފައި މިވަނީ އާލިއާ އާއި ރިތިކު އެވެ. އޭގެ ފަހުން ޝަބާނާ އާޒްމީ ފަދަ ބައެއް ތަރިންވެސް ވަނީ ކަންގަނާގެ ދިފާއުގައި ތެދުވެފަ އެވެ.