ބްރޯޑްކާސްޓު އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2024" އަށް ކުރިމަތިލުމުގެ ފުރުސަތު ބްރޯޑްކޮމްއިން ހުޅުވާލައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މި އަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތިން ގެޓެގަރީ އަކުންނެވެ. އެއީ ޕްރޮޑަކްޝަން އެވޯޑު - ކެޓަގަރީ 1 އާއި އިންޑިވިޖުއަލް އެވޯޑު - ކެޓަަގަރީ 2 އާއި އިންޑަސްޓްރީ އެވޯޑު - ކެޓަގަރީ 3 އެވެ.
އެ އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކަކީ 1 ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެމްބަރު 2023 އަށް ބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމުގައިވާންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އޭގެ ތެރޭގައި ނިއުސް ބުލެޓިން، ހަފުތާގެ ހަބަރުގެ ޕްރޮގްރާމް/ޝޯ، ވަގުތުން ގެނެސްދޭ ބްރޭކިން ނިއުސްގެ ރިޕޯޓު ނުވަތަ ވަކި މައުލޫއަކަށް ގެނެސްދޭ ހަބަރުގެ ޕްރޮގްރާމު ހިމެނިދާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މި އެވޯޑަކީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.