އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން އިގްތިޞާދީ ގެއްލުން ވަޒަންކުރަން ގޮވާލައިފި
ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ކުރިން ރާއްޖޭގެ އިގްތިޞާދަށް ލިބޭނެ ގެއްލުން ވަޒަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.
ގަލޮޅު ދެމުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. މި ބިލުގެ ބަހުސް މަރުހަލާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބިލްގެ ބަހުސްގައި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ މިކަހަލަ ނިންމުންތައް ނިންމުމުގައި ވަކި ފަރާތަކަށް ނުޖެހި ދިވެހިރާއްޖޭގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އަދި މެމްބަރުންގެ ހިކުމްތަތެރިކަން ހުންނާނެކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒިންމާދާރުވުމަކީ ކަނު ބަނދެގެން ތިބެގެން އަޅުގަނޑުމެން ކަންކަން ނިންމުމެއް ނޫން. ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ދުޝްމަނުން ހޯދާ ލިބިގަތުމެއް ނޫން. އަދި އެހެންމެ ގައުމުތަކަށް ވުރެ ތިމާމެން ނަގާ ޕޮޒިޝަން މާ މޮޅޭ ބުނުމެއް ވެސް ނޫން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުންތައް ވާން ޖެހޭނީ ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުވާ އަދި އިގްތިޞާދީ ގޮތުންވެސް ގެއްލުން ނުވާނެ ނިންމުންތަކަކަށެވެ. އެހެންކަމުން އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމުން ރާއްޖެއަށް ކުރާނެ އަސަރުތަކުގެ ރަނގަޅު އެސެސްމެންޓެއް މަޖިލީހުގެ ކޮމިޓީން ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ފަތުރުވެރިން މިހާރުވެސް ރިސޯޓުތަކަށް ބުކިން ހައްދާފައި ތިބޭނެ ކަމަށާއި އެހެންކަމުން ރިސޯޓުތަކުންވެސް މިފަދަ ނިންމުން ނިންމާނަމަ ކަންބޮޑުވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. ނާޒިމް ވަނީ މިމައްސަލައިގައި ބަލަންޖެހޭ ހުރިހާ ކަމެއް ކޮމިޓީން ބެލުމަށް އެދިވަޑައިގެންފަ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުންވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފާސްކޮށްފަ އެވެ. އެހެންނަމަވެސް މީކާއީލްގެ ބިލަށް ޕީއެންސީން ތާއީދު ކުރާކަން ސީދާ ހާމަކޮށްފައެއް ނުވެ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރިނަމަވެސް ޑުއަލް ޕާސްޕޯޓު ހުރި އިޒްރޭލު ރައްޔިތުންނަށް ރާއްޖެއަށް އާދެވޭނެ އެވެ. ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު މަނާކުރަން އުޅޭކަމުގެ ހަބަރުތަކަށް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާއިރު އިޒްރޭލު ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ އެއްވެސް ރައްޔިތަކު ރާއްޖެއަށް ޒިޔާރާތް ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ބުނެފަ އެވެ.