މޭރީގެ މަރު: މާވިންގެ މަންމަ ހިމެނޭ ގޮތަށް ބައެއްގެ ހެކިބަސް ނުނަގަން ނިންމައިފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމައިފިއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ މާވިންގެ މަންމަގެ އިތުރުން އިތުރު ތިން މީހެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ. އޭގެ ތެރޭގައި ރިޕޯޓުތަކެއް ތައްޔާރުކުރި ދެ އޮފިސަރުންނާއި މޭރީގެ ސްކޭނެއް ހެދި ޑޮކްޓަރެއް ހިމެނެއެވެ.
ދައުލަތުން ބުނެފައި ވަނީ މި ހަތަރު މީހުންގެ ތެރެއިން ބައެއް މީހުން ރާއްޖޭން ބޭރުގައި އުޅޭތީ އެމީހުންގެ ހެކިބަސް ނުނަގައި ވެސް މައްސަލަ ކުރިޔަށްގެންދެވޭނެ ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ އިތުރުން ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
އޭގެތެރެއިން، މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އިއްވުމުން ދިފާއުން ބުނީ މި މައްސަލައިގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ހާދިސާ ހިނގި އިރު އެޕާޓްމަންޓްތެރޭ ހުރި ކަމަށް ބުނާ ކުޑަ އަންހެން ދަރިފުޅުގެ ވާހަކަ ކަމަށެވެ. އެ ކުއްޖާއަކީ މޭރީއާއި އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން ވާގަސްގެ ދަރިފުޅެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.