ޚަބަރު ސަރުކާރު

ސިނގިރޭޓު ބޯން އެންމެން ހޭދަކުރާ ފައިސާއިން އަހަރަކު 9 ހޮސްޕިޓަލް އެޅޭނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

ސިނގިރޭޓު ބުއިމަށް 1.8 ބިލިއަން ރުފިޔާ ކޮންމެ އަހަރަކު ހޭދަކުރާ ކަމަށާއި މި ފައިސާއިން 9 ހޮސްޕިޓަލް އެޅޭނެކަމަށް ސިއްހީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަކީ އިއްޔެ އެވެ. މިދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާ ރޭ ނ. މަނަދޫގައި ބާއްވާފައިވާއިރު އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހަލީލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ތަފާތު ބަލިތައް ރާއްޖޭގައި އިތުރުވާ ކަމަށެވެ. އަދި އެބަލިތައް ޖީލުތަކަށް ފެތުރި ފަރުވާ ކުރުމަށް ދައުލަތުގެ ހަޒާނާއިން އެތައް ހަރަދެއް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ހައްލު އޮތީ އަޅުގަނޑުމެންގެ އަތުގައި، އަޅުގަނޑުމެން އެ ހައްލުގައި ހިފާނަން، އެ ހައްލުގައި އަޅުގަނޑުމެން ހިފައިފިއްޔާ އަޅުގަނޑުމެން ކުރަން ޖެހޭ ވަރަށް ގިނަ ހަރަދުތައް، އާއިލާތައް ތަހައްމަލު ކުރަން ޖެހޭ ވަރަށް ގިނަ ތުރާތަކަކުން، އާއިލާތައް ކުރިމަތިލާން ޖެހޭ ވަރަަށް ގިނަ ހިތާމަތަކަކުން ސަލާމަތް ވެގެން ދޭ" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ކުދިން އެންމެ އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލާއި، ވޭޕް ކުރަން ފަށާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ. ގިނަ ގޭބީސީތަކުގައި ވޭޕް ކުރުމަކީ މިހާރު މާ ބޮޑު ކަމަކަށް ނުވާއިރު ގޭގެ މޭޒުމަތީގައިވެސް ވޭޕް އޮންނަހާ އާންމުވެއްޖެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެހެންނަމަވެސް ވޭޕަކީ ނުރައްކާތެރި އެއްޗެއް ކަމަށް ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ ގައުމުތަކުން ވޭޕް މަނާ ކުރަމުން ދަނީ އޭގައި ހުރި ނުރައްކަލެއްގެ ބޮޑުކަމުން ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އެއްވެސް އެއްޗަކުން މުޖުތަމައު ދުރުވާން ޖެހޭ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ސިނގިރޭޓު ބުއިމަށް ކޮންމެ އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަ ކުރާކަމަށާއި މިފައިސާއިން 50 އެނދުގެ 9 ހޮސްޕިޓަލް ތަރައްގީ ކުރެވޭނެކަމަށް ހަލީލް ވިދާޅުވި އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިނަމަ އެތައް ބައްޔަކަށް ކުރަންޖެހޭ ފަރުވާއަށް ދައުލަތުން ދާ ހަރަދު ސަލާމަތްވާނެ ކަމަށާއި އެހެންކަމުން ހަމައެކަނި ފައިސާއަށް ބެލިޔަސް ލިބޭ ގެއްލުންތަކުން ސަލާމަތް ވެވިދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް އީ ސިނގިރޭޓާއި ވޭޕް ތައާރަފުވި ފަހުން، ދުންފަތުގެ ބާވަތްތަކަށް އޮންނަ ޑިމާންޑު ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ އެވެ. ސިނގިރޭޓުގެ އަގު ބޮޑުކުރުމުންވެސް އާބާދީގެ ކުޑަ އަދަދެއް ސިނގިރޭޓާ ދުރަށް ދިޔަ އެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގެ ބޮޑު އާބާދީއެއް ދުންފަތުގެ އިސްތިއުމާލު ކުރާކަން ފާހަގަކޮށްލެވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!