ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، "ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާއަކީ، އެއިރެއްގައި ވެރިކަމަށް އަންނަ ސަރުކާރަކުން، އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަކުރާނެ ކަމަށް ބަޔާންކޮށްފައިވާ ވަޢުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިޞްލާޙީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާކުރުމަށާއި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ތަޢާރުފުކުރަން ނިންމާ ޤާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާ އެކެވެ.
ލެޖިސްލެޓިވް އެޖެންޑާގައި 15 މައުޟޫޢުއަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލާއި، މިހާރު ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅަން ޤަޞްދުކުރާ 135 ބިލެއް ހިމެނެ އެވެ.