ޚަބަރު އިޖުތިމާޢީ

މަސްވެރި ދޯނިތަކުން ކޯސްޓުގާޑު ލޯންޗުގައި ޖެއްސި މައްސަލަ ބަލަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަސްވެރިންގެ އިހުތިޖާޖަށް މާލެ އައި ބައެއް ދޯނިތައް | ފޮޓޯ: ވަގުތު

މިދިޔަ ބުދަ ދުވަހު މަސްވެރިން އިހުތިޖާޖު ކުރަން އައި ދޯނިތަކުން މާލެ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ކޯސްޓުގާޑު ލޯންޗުތަކުގައި ޖެއްސި މައްސަލަ ބަލަން ފަށައިފި އެވެ.

Ads by STELCO

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މަސްވެރިންގެ އިހުތިޖާޖުކުރަން ފެށީ ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތައް މާލޭ އެއް ނަންބަރު ފާލަމާ ދިމާއަށް ވަންނަން އުޅުމުން ފުލުހުންނާއި ސިފައިން ވަނީ އެ ދޯނިތަކަށް ހުރަސް އަޅަން މަސައްކަތް ކޮށްފަ އެވެ.

އެހެންނަމަވެސް ދޯނިތައް މަޑުނުކޮށް ފަޅުތެރެއަށް ވަނެވެ. ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ބައެއް ދޯނިތަކުން ކޯސްޓުގާޑާއި ފުލުހުންގެ ލޯންޗުތަކުގައިވެސް ޖެއްސި މަންޒަރު ބައެއް ވީޑިއޯތަކުން ފެނެ އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިކަން މިހާރު ބަލަމުން ދާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ބުދަ ދުވަހު ކުރި އިހުތިޖާޖުގައި 35 ދޯންޏެއް ބައިވެރިވި އެވެ. އިހުތިޖާޖު ކުރި ސަރަހައްދަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްވެސް ވަޑައިގެން އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދެއްކި އެވެ.

އިހުތިޖާޖު ހުއްޓައިލީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމުމުންނެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ މަސްވެރިންނަށް ނުދެވި އޮތް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ދޫކުރާނެ ކަމަށް ބުނެފަ އެވެ. އަދި ނުދެވި ހުރި ބާކީ ފައިސާ އެއްކޮށް ދައްކައި ހަލާސްކުރަން މަސައްކަތް ކުރަމުން ދާކަމަށް އެކުންފުނިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 250 އަށްވުރެއް ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. މިފައިސާ އެއްކޮށް ދައްކައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަލާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!