އަމިއްލަފުޅު ދަތުރެއްގައި ސައީދު ހުންނެވީ ދުބާއީގައި ، ޗައިނާއަށް ވަޑައެއް ނުގަންނަވާ: އަދުރޭ

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ކުއްލި ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިކަމަށް ރާއްޖެއެމްވީން ބުނެފައިވާ ޚަބަރަކީ ދޮގެއް ކަމަށްޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
"ދެން" އާއި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ސަޢީދު ޗައިނާއަށް ވަޑައިނުގަންނަވާ ކަމަށާއި އަމިއްލަފުޅު ދަތުރެއްގައި އެމަނިކުފާނު ހުންނެވީ ދުބާއީގައި ކަމަށެވެ.
ސައީދުގެ ދަތުރާއި ގުޅިގެން ރާއްޖެއެމްވީ އިން ބުނެފައިވަނީ ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ކުއްލި ގޮތަކަށް ޗައިނާ އަށް ފުރާވަޑައިގެންފި ކަމަށް ވަރަށް އިތުބާރު ހުރިގޮތެއްގައި ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ސައީދު ފުރައިވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދުބާއީ މަގުން ކަމަށާއި، ކޮވިޑު-19 ގެ ދުވަސްވަރު އެކި ގައުމުތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅައި، ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި ސައީދު ޗައިނާއަށް މިހާ ފަސޭހައިން ދަތުރު ކުރެއްވޭ ގޮތް ވުމުން ގިނަ ސުވާލުތަކެއް އުފެދޭ ކަމަށް ވެސް ރާއްޖެއެމްވީ އިން ވަނީ ބުނެފައެވެ.
ސައީދުގެ ދަތުރުފުޅާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި، އެބޭފުޅާގެ މި ދަތުރުފުޅުގެ މަގްސަދަކީ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ފައިސާ ހޯދުން ކަމަށް ގަބޫލު ކުރެވޭ ކަމެއްކަމުގައި ވެސް ރާއްޖެއެމްވީ އިންވަނީ ބުނެފައެވެ.