ވިހަގަދަަ ލަފުޒުތަކުން އުފެދޭ ފާރު ފަސޭހަ ނުވެ ދާއިމަށް ހުރެއެވެ.
ދަންނަވަންތޯއޭ ތެދަށް ދުލަކީ ލިބުނު ހަތިޔާރެކޭ
ކަންމިހެން އޮތްއިރު އޮތީ ރައްކާތެރިވެ ތިބުމޭ ތެދޭ
ބަޑިތަކުންނާ ކަނޑިތަކުން ނޫނަސް ގަތުލު ކުރެވޭނެއޭ
އަޑިނުބައި ހިތަކުން ނެރޭ ވިހަގަދަ ބަހެއް ބުނުމުން ތެދޭ
އާދޭހެވެ. ޅެންވެރިޔާ މި ޅެންބައިތުގައި ބުނެފައިވާ ވާހަކަތަކަކީ ވަރަށް ވެސް ތެދު ވާހަކަތަކެކެވެ. ކަނޑި ނުވަތަ ބަޑިން ދެވޭ އަނިޔާތަކަކީ ކޮންމެސް ދުވަހަކުން ރަނގަޅުވާނެ އަނިޔާތަކެކެވެ. އެހެން ނަމަވެސް ތިމާގެ ދޫ އެއަށް ވުރެން މާ ނުރައްކާތެރިއެވެ. ބުނެލާ ބަހަކުން ހިތުގައި ޖެހޭ ލައްގަނޑަކީ ދުނިޔެ އުމުރު އަބަދުވެސް ހުންނާނޭ ލައްގަނޑެކެވެ.
ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. މި ޙަޔާތުގައި ދެމީހެއް ދޭތެރޭ އެކި ކަހަލަ މައްސަތައް ވެސް ޖެހޭނެއެވެ. ކުދި ނުވަތަ ކޫސަނި މައްސަލަތަކާއި، ބޮޑެތި މައްސަލަތަކެވެ. ރައްޓެހިންނާއި ލޯބިވެރިންގެ ދެމެދުގައެވެ. އަދި އާއިލާ ތެރޭގައި ވެސް މެއެވެ. މިފަދަ ހަމަނުޖެހުންތަކުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި ހަތިޔާރަކީ ތިމާގެ ދުލެވެ. ތިމާގެ ދުލުން ބޭރު ކުރާ ވޭނީ، ވިހަގަދަ ލަފުޒުތަކެވެ.
ކިތަންމެ ކުޑަ މައްސަލައެއް ޖެހުނު ކަމުގައިވީ ނަމަވެސް ތިމާގެ ފަރާތުން އަނެކާއަށް ނިސްބަތްކޮށް ބުނެވޭ ލަފުޒުތަކަކީ ދާއިމަށް ހިތުގައި ހަރުލައިފައި ހުންނާނޭ ކަންކަމެވެ. ދެމީހުން ދެމެދުގައި ޖެހުނު މައްސަލަ ހައްލުވި ކަމުގައި ވީނަމަވެސް، ދެމީހުން ދެމެދުގައި ދެކެވުނު ވާހަކަތަކާއި، އެކަކު އަނެކަކާ ދިމާލަށް ބުނެވިފައިވާ ހިތި ލަފުޒުތަކަކީ ދުވަހަކު ވެސް އަނެކާގެ ހަނދާނުން ފިލައި ނުދާނޭ ލަފުޒުތަކެކެވެ.
ދޫ ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ އިސްލާމް ދީނުގައިވެސް ވަނީ ބާރު އަޅުއްވައިފައެވެ. އޭގެ ސަބަބުން އެތައް ގުޅުމެއް ކެނޑި އެތައް ފިތުނައެއް ކުރިމަތިވާ ކަމެއް ކަމުގައިވާތީއެވެ. މިއަދު ތިމާއަށް ބުނެވިފައިވާ ނޭދެވޭ ބަހެއްގެ ސަބަބުން ކިތައް އާއިލާ ރޫޅިފައި އެބަ ތިބިތޯއެވެ؟ ކިތައް ރަހުމަތްތެރިކަން ގެއްލިފައި އެބަވޭތޯއެވެ؟ ދުލަކީ އެހައި ވެސް ވަރުގަދަ އަދި ނުރައްކާތެރި ވަސީލަތެކެވެ.
ތިމާގެ ދުލުން ނުކުންނަ އެއްވެސް ލަފުޒަކީ އަނބުރާ ގެންދެވޭނެ އެއްޗެއް ނޫނެވެ. ފެންނަ އެއްޗެއް ވެސް ނޫނެވެ. އެހެން ނަމަވެސް ވޭނީ ބަސްތަކަކީ އެ ބަސް ރައްދުވާ މީހާއަށް އެހާމެ ބޮޑުއަނިޔާއެއް ލިބޭ އެއްޗެކެވެ. އޭގެ ސަބަބުން ފިތުނަތައް އުފެދެން ކުރިމަތިވާ ނުބައި އަދި ނުރައްކާތެރި ހަތިޔާރެކެވެ.
ކަނޑަށް ގާބުރިއެއް އެއްލައިލުމަކީ ވަރަށް ވެސް ފަސޭހަކަމެކެވެ. އެހެން ނަމަވެސް އެ ގާބުރި ގޮސް ޖެހޭނީ ކިހާ ފުނެއްގައި ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. ހަމަ އެބީދައިން މީހަކާ ދިމާލަށް ހިތުގައި ޖެހޭ ފަދަ ބަހެއް ބުނުމަކީ ވަރަށް ވެސް ފަސޭހަކަމެކެވެ. އެހެން ނަމަވެސް އެބަހުގެ ސަބަބުން އަނެކާގެ ހިތުގައި ޖެހިގެންދާ ލައްގަނޑު ނުފިލައި ހުންނާނީ ކިހައި ދުވަހަކަށްކަން އެކަކަށް ވެސް ނޭނގޭނެއެވެ.