ސެނެޓައިޒާ ފުޅި ކައިރީގައި ބަހައްޓައިގެން ނަމަ ނަމަ އުއްބަތި ރޯ ނުކުރާތި، ބޮޑު ލަނޑެއް ލިބިދާނެ!
ކޮވިޑް19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެކައްޗަކީ ހޭންޑް ސެނެޓައިޒާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހޭންޑް ސެނެޓައިޒާ ބޭނުން ކުރުން އާއްމުވެފައިވާއިރު، މި ޕްރަޑަކްޓްތަކުގައި ހިމެނޭ ބައެއް ކެމިކަލް މާއްދާ ތަކުގެ ސަބަބުން ހޭންޑް ސެނިޓައިޒާ ވެގެން ގޮސްފައި ވަނީ، އަލިފާން ހިފުމަށް ބާރު އަޅައިދޭ އެއްޗަކަށެވެ. މިހެން ކަމުން ހޭންޑް ސެނެޓައިޒާ ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ބަލަން ޖެހެއެވެ.
އެމެރިކާގެ ޓެކްސެސްގެ މީހެއް ކަމަށްވާ ކޭޓް ވައިސް ވަނީ ސެނިޓައިޒާ ބޭނުން ކުރުމަށް ފަހު ކުރެވުނު ކުޑަ ކަމަކުން ފުރާނަ ނުރައްކާތެރި ހާލަތަށް ގޮސްފައެވެ.
މި ހާދިސާ ހިނގި ގޮތް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޭޓުގެ އަތުގައި ސެނިޓައިޒާ އުނގުޅުމަށް ފަހު އުއްބައްތި ރޯކުރަން އުޅުމުގެ ތެރޭގައި އަތް ފިހުނީއެވެ. އަދި ސިއްސައިގެން ގޮސް ކައިރީގައި ހުރި ސެނިޓައިޒާ ފުޅި ބަންޑުންވެ ސެނިޓައިޒާ ފުޅި ގޮވީއެވެ.
ކޭޓު ގެ ހަށިގަނޑުގެ ބައެއް ދިމާތައް ސެކަންޑް އަދި ތާޑް ޑިގްރީ އަށް އަނދާފައިވާއިރު އޭނާއަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
"އަހަރެންގެ ގައިގައި އަޅާން ވޭ ކިޔާދޭކަށް ވެސް ނޭނގެ. ގައިގެ އެންމެ ހިމަނާރަށް ވެސް އެބަ ތަދުވޭ. އެންމެންވެސް ސަމާލުވާތި." އައިސީޔޫގައި އޮވެ ދިން އިންޓަރވިއުއެއްގައި ކޭޓީ ބުނެފައިވެއެވެ.
ކޭޓީ ސަލާމަތްވީ ހަމަ ކިރިޔާއެވެ. މުޅި ގައިގައި ހުޅު ރޯވުމުން އޭނާވަނީ ގެއިން ބޭރަށް ނިކުމެ، މީހުންގެ އެހީއާއެކު ގައިގައި ރޯވި ހުޅު ނިއްވާލާފައެވެ. އެވަގުތު ގޭގައި އޭނާގެ 14 އަހަރުގެ ދަރިފުޅު ހުރި ކަމަށާއި ކަންދިމާކުރި ގޮތުން ގޭގައި ހުޅު ރޯ ނުވީ ކަމަށް ވެސް ކޭޓީ ބުންޏެވެ.
ދިރާސާތަކުން ދައްކާގޮތުގައި އަލްކަހޯލް ބޭސްޓް ސެނެޓައިޒާ އަކީ އޭގެ ޒާތުގައި އަލިފާން ހިފުމަށް މެދުވެރި ނުވާ އެއްޗެއް ކަމުގައި ވީ ނަމަވެސް، އަލިފާނަށް ހުށަހެޅިއްޖެނަމަ އޭގެ ސަބަބުން ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ އެއްޗެކެވެ. މިހެންކަމުން ކާރު ތަކުގައި ހޭންޑް ސެނިޒައިޒާ ބެހެއްޓުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ.