ޚަބަރު

ބޭކާރު ހަރަދުތައް ކުޑަކޮށް، ފުރަތަމަ ކުއާޓާގައި ފެނަކައަށް އުންމީދީ ކުރިއެރުންތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭކާރު ހަރަދުތައް ކުޑަކޮށް, ފުރަތަމަ ކުއާޓާގައި ފެނަކައަށް އުންމީދީ ކުރިއެރުންތަކެއް ފެނަކަ ކޯޕަރޭޝަނުން ހޯދައިފިއެވެ.

Ads by STELCO

މިއަދު ފެނަކައިން އާއްމު ކުރި ކުއާޓާލީ ރިޕޯޓްގައިވާ ގޮތުން އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެވުނީ ކުންފުނީގެ ހަރަދުތައް ކުޑަ ކުރުމަށެވެ. އެގޮތުން، ކުންފުނިން ކުރަމުން އަންނަ ހަރަދުތައް ރީސްޓްރަކްޗާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޭގެ ނަތީއެއްގެ ގޮތުން، އޮޕަރޭޝަނަލް ޕްރޮފިޓަބިލިޓީ 117 އިންސައްތަ ކުރިއެރުމެއް 2023 ވަނަ އަހަރު ފަހު ކުއާޓާއާ ބަލާއިރު ވަނީ ހޯދިފައެވެ. އަދި ހިންގުމުގެ ހަރަދު 4 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

ރިޕޯޓުން ފާހަގަކޮށްލެވޭ ކަންކަމަށް ބަލާއިރު، ހިފެހެއްޓުމެއް ނެތި ސީއެސްއާރް އަށް ކުރަަމުން އައި ބޮޑެތި ހަރަދުތައް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާކިއާއިރު 96 އިންސައްތަ ވަނީ ކުޑަކުރެވިފައެވެ. މީގެ އިތުރުން، ކުންފުނިން ހިދުމަތް އިތުރަށް ހަރުދަނާކޮށް ކުރަމުން އަންނަ ބައެއް ހަަރަދުތައް، އަގު ހެޔޮކޮށް ކުރެވޭނެ ގޮތްތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ސަޕްލައި ކުރާ ދޯނި ވަކި ވަކިން ކޮންމެ ދަތުރަކަށް ކުއްޔަށް ބޮޑު އަގުގައި ނެގުން ހުއްޓުވާ، އިއުލާން ކުރެވިގެން ދޯންޔެއް އަދި ލޭންޑިންގ ކްރާފްޓްއެއް ގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފެނަކައިން ހާމަކުރެއެވެ.

ފެނަކައިން ބުނީ، ކުންފުނީގެ މެޝިނަރީޒް ސާވިސް ކުރުމަށް ކުރެވޭ ހަރަދުތައް ކުޑަކުރުމަށް، ސެންޓްރަލް ސާވިސް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ. އަދި މި ސެންޓަރު ގާއިމު ކުރެވެމުން ކުންފުނީގެ އެސެޓްތައް، އޮޕަރޭޝަންއަށް ބުރުނާރާނެ ގޮތައް އަގުހެޔޮކޮށް ސާވިސް ކުރެވޭނެ މަގު ފަހިވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން، ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ނުހުއްޓި، އަދި އިތުރަށް ރަނގަޅު ކުރުމަށް، ފުރަތަމަ ކުއާޓާގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރެއެވެ. މިގޮތުން ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 20 ރަށެއްގައި އިތުރުކޮށް، ޖުމްލަ 10.7 މެގަވޯޓް ވަނީ ފެނަކައިގެ ކެޕޭސިޓީއަށް އިތުރުކުރެވިފައެވެ.

ރާއްޖޭގެ 157 ރަށެއްގައި އަސާސީ ކަރަންޓްގެ ހިދުމަތް ފެނަކައިން ދަނީ ދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!